ޚަބަރު

ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރުމަށް މިސްރުން އެހީވަނީ


  • މިސްރުގެ ސަފީރާ މިނިސްޓަރ ޑރ. ޝަހީމް ވަނީ ބައްދަލުކުރައްވާފައި

  • އިސްލާމީ ތަޢުލީމް ފުޅާކުރެއްވުމަށް މަޝްވަރާކުރެއްވި

  • މިސްރުން ވަނީ ރާއްޖެއިން ހުށައެޅި ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދީފައި

ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމުގެ ދާއިރާ ފުޅާކުރެއްވުމަށް މިޞްރުގެ ސަފީރާއިއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ މިޞްރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛު މާޖިދު މުޞްލިޙާއި، އަލްއަޒްހަރު މިޝަންއާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގެ މަޤުޞަދަކީ އަލްއަޒުހަރު ޔުނިވަރސިޓީއާއި މިސްރުގެ އިސްލާމީ މުއައްސަސާތަކާ ގުޅުންބަދަހިކުރެވެހެން ހުރި ދާއިރާތަކާ މެދު މަޝްވަރާކުރެއްވުންކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ.މުޙައްމަދު ޝާހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތުގެ ތަފްޞީލީ ޕްރެޒެންޓޭޝަނެއް ވާނީ ހުށަހަޅާފައެވެ. އަދި މިނިސްޓްރީން ކުރަމުންގެންދާ ކަންކަމާއި މިނިސްޓްރީގެ އިސްތިރާތީޖީ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުވާ ކައުންސިލާއި ޤުރުއާނާ ބެހޭ މަރުކަޒު އިލްމީ ގޮތުން ތަރައްޤީކުރުމާއި، އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިމާމުން ތަމްރީނު ކުރުމާއި އިމާމުންނަށް ޢަރަބި ބަސް އުނގަންނައިދިނުމާއި ރާއްޖޭގެ މެދުމިންކަމުގެ އިސްލާމީ އުޞޫލުތައް އެގޮތުގައި ދެމެހެއްޓުމަށް އަޒްހަރު ޔުނިވަރސިޓީގެ އެހީތެރިކަމަށް ވާނީ އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.މުޙައްމަދު ޝާހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިޞްރުގެ ސަފީރުވަނީ، މިނިސްޓްރީގެ އެންމެހައި ހުށަހެޅުމެއް ބަލައިގަންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޝައިޚުލް އަޒްހަރު ރާއްޖެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދެ ފަރާތުންވަނީ މަޝްވަރާ ކުރައްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.