މީގެ ހަތަރު އަހަރު ކުރިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހިދު ސަރުދާރު ފޭސްބުޕް ޕޭޖެއް ހިންގަން ފެށިއިރު އޭނާ ބޭނުންވީ މަސްވެރިއެއްގެ އާންމު ދިރިއުޅުން ދައްކުވައިދޭށެވެ. މަސް ދޯނީގައި މަހަށް ނިކުމެ އުޅޭއިރު ކުރެވޭ ތަޖުރިބާތައް ޙިއްޞާކުރާށެވެ. ވީޑިޔޯތައް ހަދާ އެ ޕޭޖު ހިންގަން ފެށިއިރު، އެއީ އާންމުން ވަރަށް ގަޔާވާ، އެތައް މިލިޔަން ބަޔަކު ބަލާނެ ވީޑިޔޯތަކަކަށް ވާނެ ކަމަަކަށް އޭނާގެ ހިތަކަށް ވެސް ނާރައެވެ. ނަމަވެސް މިއަރު ސަރުދާރު ވަނީ އާންމުންގެ މަޤުބޫލުކަން ހޯދައިފައެވެ. އޭނާ ދަނީ ކަނޑުމަތީގައި މަސްވެރިއެއްގެ ދިރިއުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދެމުންނެވެ.
އުމުރުން 35 އަހަރުގެ ސަރުދާރު އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅާއެކު ދިރިއުޅެނީ ދެކުނު އިރުމަތީ ބަންގްލަދޭޝްގެ އައްސޭރީގައި އޮންނަ ޗިޓަގޮންގު ޑިސްޓްރިކްޓުގައެވެ. އޭނާ މަސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ 2013ވަނަ އަހަރެވެ. އެއީ ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ހުންނަ ހަސްފަތާލެއްގެ ކެންޓީނުގައި ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހުގައެވެ.
50 ފަޅުވެރިންނާއެކު ދަތުރުކުރާ މާސިންގާ މަސް ދޯނީގައި ސަރުދާރުގެ މަސައްކަތަކީ އެ އެންމެނަށް ކައްކައިދިނުމެވެ. ބޭ އޮފް ބެންގަލްއިން އެ ދޯނި ފުރައިގެން ގޮސް، އަނބުރާ ރަށަށް ނައިސް މަހެއްހާ ދުވަސް ކަނޑުމަތީގައި ހޭދަކުރެއެވެ. ސަރުދާރުގެ ވީޑިޔޯތަކުން ދައްކުވައިދެނީ މަސް ހޯދައި ހިފުމަށް އެ ދޯނިން ކުރާ މަސައްކަތެކެވެ. މަސް ހިފުމަށް ބޭނުންކުރާ ތަފާތު އުކުޅުތަކާއި މަސް ދޯންޏެއްގައި އުޅޭއިރު އޭނާގެ އާންމު ދިރިއުޅުން އެ ވީޑިޔޯތަކުގެ ޒަރިއްޔާއިން އޭނާ ޙިއްޞާކުރެއެވެ. އެ ވީޑީޔޯތަކަށް އާންމުންގެ ތަރުހީބު ލިބެން ފެށުމުން އޭނާ ވަނީ ބަންގްލަދޭޝްގެ ކަނޑުތަކުގައި އުޅޭ ތަފާތު ބާވަތްތަކުގެ މަސްމަހާމެހި ވެސް ވީޑިޔޯތަކުގައި ދައްކައިދޭން ފަށައިފައެވެ. މިފަދަ ބާވަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނަށް އެހާ ފުޅާ ދާއިރާއެއްގައި އެނގިފައި ނުވާތީ، ސަރުދާރުގެ ވީޑީޔޯތައް ވެގެން ގޮސްފައި ވަނީ އާންމުންނަށް ވަރަށް ކަމުދާ ހުށަހެޅުންތަކަކަށެވެ.
ސަރުދާރު ބުނީ މަހާބެހޭ ވީޑިޔޯތައް ބަލައި، އާންމުކޮށް މާރުކޭޓުން ނުފެންނަ މަހުގެ ބާވަތްތައް ދަސްކޮށްލުމުގެ ފުރުޞަތު ލިބުމަކީ އާންމުން ވަރަށް ގަޔާވާ ކަމެއް ކަމަށެވެ. ގިނަ ޢަދަދެއްގެ މީހުން އޭނާގެ ވީޑިޔޯތައް ބަލަނީ ކަނޑުގެ މުއްސަނދިކަމާއި ރީތިކަމަށް ހުންނަ ދަމާ ބާރެއްގެ ސަބަބުން ކަަމަށް އޭނާ ޤަބޫލުކުރެއެވެ. ވީޑިޔޯތަކުން ފެންނަ މަންޒަރުތަކަކީ އެ މީހުންނަށް އާންމުކޮށް ފެންނަ މަންޒަރުތަކެއް ނޫނެވެ. އަދި އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވެސް ލިބޭ ކަންކަމެއް ނޫނެވެ.
ބީޑީ ފިޝަމޭންގެ ނަމުގައި ސަރުދާރު ހިންގާ ފޭސްބުކް ޕޭޖަށް 360،000އަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. އޭގެ އިތުރުން، އޭނާ ހިންގާ އިތުރު ޕޭޖެއް ކަމަށްވާ ފިޝަމޭން ޝާހިދު ޕޭޖަށް ވެސް 240،000 މީހުން ފޮލޯ ކުރެއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ ޕޭޖުތައް މެދުވެރިކޮށް އޭނާ ޙިއްޞާކުރި ދެ ވީޑިޔޯއަކަށް އާދަޔާޚިލާފު ތަރުޙީބެއް ލިބުމުން، ފޭސްބުކުން ވަނީ އެ ޕޭޖުތަައް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތަށް އިންތިޒާމް ހަމަޖައްސައިދީފައެވެ.
ސަރުދާރު ބުނި ގޮތުގައި މަޝްހޫރުވި ފުރަތަމަ ވީޑިޔޯގައި ފެންނަނީ ގިނަ ޢަދަދެއްގެ ރީނދޫ އުރަހަ ކަންނެއްޔާއި ޑިނގާތަކެކެވެ. ބޭނިގޮތަށް ދޯނީގެ ޑެކު މައްޗަށް މަސްތައް އަޅާލައި މަންޒަރު ވެގެން ދިޔައީ ބެލުންތެރިންނަށް އާދަޔާ ޚިލާފަށް ކަމުދިޔަ މަންޒަރަކަށެވެ. ވިއްސާރަ މޫސުމުގައި ނެގި އެ ވީޑިޔޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، 24 ގަޑިއިރުގެ ތެރޭގައި ތިން މިލިޔަނަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިޔޯ ބަލައިފައެވެ. ވީޑިޔޯތަކުން ލާރި ލިބެން ފެށުމުން، އިތުރު ވީޑިޔޯތައް ހެދުމަށް ހިތްވަރު ލިބުނު ކަމަށާއި، ވީޑިޔޯތަކަށް ލިބެމުންދިޔަ ތަރުހީބު އިތުރުވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ސަރުދާރު ބުނި ގޮތުގައި އޭނާ ހިންގާ ދެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މަހެއްގެ މައްޗަށް އޭނާއަށް މިހާރު 500 ޑޮލަރުވަރު ލިބެއެވެ. އޭގެ އިތުރުން ކުރާ ކޮންމެ ދަތުރަކަށް ލިބޭ 120 ޑޮލަރުގެ މުސާރަ ލިބެއެވެ. އަދި މާރުކޭޓުގައި ވިއްކާ ކޮންމެ މަސް ޓަނަކަށް 60 ސެންޓުގެ މަގުން އޭނާއަށް ބޯނަސް ވެސް ލިބެއެވެ.
ސަރުދާރު ބުނީ އޭނާގެ އަވަށުގައި އޭނާ މަޝްހޫރުވެފައި ވަނީ ފިޝަމޭން ޝާހިދުގެ ނަމުން ކަމަށާއި އެންމެންނަށް ވެސް އޭނާ ދަންނަ ކަމަށެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް މީހުން އައިސް އޭނާއާ ވާހަކަ ދައްކައި، ވީޑިޔޯ ހަދައި މީސްމީޑިޔާގައި ޙިއްޞާކޮށްގެން އާމްދަނީ ހޯދޭނެ ގޮތް ވަރަށް ގިނައިން އޮޅުންފިވުލާކަމަށް އޭނާ ބުންޏެވެ. އޭނާގެ އެކުވެރިއެއްގެ ގުރޭޑު 7ގައި ކިޔަވައި ދަރިފުޅު ވެސް އޭނާގެ ގެއަށް ޒިޔާރަތްކޮށް، ވީޑިޔޯ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށް އެނާ ބުންޏެވެ.
ސަރުދާރުގެ ވީޑިޔޯތަކުން ހިތްވަރު ލިބި ބަންގްލަދޭޝްގެ އެހެން މަސްވެރިން ވެސް ވަނީ އެ މީހުންގެ އަމިއްލަ ޕޭޖުތައް ހަދައިފައެވެ. ޤައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް ސަރުދާރުގެ ވީޑިޔޯތައް ވަރަށް ކަމުދެއެވެ. ބަންގްލަދޭޝްގެ އައްސޭރިފަށުގައި އޮންނަ ގިނަ ރަށްރަށުގައި އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު އެއް މަސައްކަތަކީ މަސްވެރިކަން ކަމަށްވާއިރު، ޢާއިލާއާ ދުރުގައި ޤައުމުން ބޭރުގައި ދިރިއުޅޭ މީހުންނަށް މި ވީޑިޔޯތައް ވެގެން ގޮސްފައި ވަނީ އެ މީހުންގެ ޤައުމާ ގުޅުވައިދޭ ވަސީލަތަކަށެވެ.
ސަރުދާރަށް ފޮލޯކުރާ ގިނަ މީހުންނަކީ ކަނޑުމަތީގެ ދިރިއުޅުން އެއްވެސް ވަރަކަށް ތަޖުރިބާކޮށްފައިވާ މީހުންނެއް ނޫނެވެ. ސަރުދާރު ޙިއްޞާކުރާ ވީޑީޔޯތައް މޮބައިލް ފޯނު ނަވަތަ ލެޕްޓޮޕް މެދުވެރިކޮށް ބަލައިލުމުން، ކޮންމެ އަހަރަކު ބަންގްލަދޭޝްގެ އުފެއްދުންތެރިކަމަށް ގާތްގަނޑަކަށް 3.5 ޕަސެންޓް ހިއްސާކުރާ ދާއިރާ ސްކްރީން މެދުވެރިކޮށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު އެ މީހުންނަށް ލިބެއެވެ. އަދި މަސްވެރިކަމާއި ކަނޑުތަކާއި މަސްމަަހާއިމެއްސާ ބެހޭ މަޢުލޫމާތު މުއްސަނދި ކުރުމަށް ފުރުޞަތު ލިބެއެވެ.
ބެލުންތެރިޔަކު ބުނީ ކަނޑުމަތީގައި މަސްވެރިން ދިރިއުޅޭ ގޮތް ފެނުމުން އާޝޯހުވާ ކަަމަށެވެ. މޫސުން ގޯސްވިޔަސް، އަދި ކަނޑުމަތީގައި އުޅޭއިރު ލިބޭ ވަޞީލަތްތައް މަދުވި ނަމަވެސް، ކަނޑުމަތީގެ ދިރިއުޅުމަށް މަސްވެރިން ފެތިލާ ހޭނިލައި ސާދާ ގޮތަކީ ބަލައިލަން ހިތްގައިމު މަންޒަރުތަކެއް ކަމަށް އޭނާ ބުންޏެވެ. އެހާ ގިނަ ޢަދަދެއްގެ މީހުން އެކުގައި މަސައްކަތް ކުރާ މަންޒަރު ފެނުމަކީ ވެސް އުފާވެރި މަންޒަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ދިރިއުޅުން ފެނުމުން މުޅިން އެހެން ދުނިޔެއެއްގައި ކަންތައްތައް ހިނގާ ގޮތް ބަލާލެވޭ ކަމުގެ އިޙްސާސް ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.