ޚަބަރު

ކްރިމިނަލް ކޯޓުން ރިސެސްއަށް ނުދާން ނިންމައިފި


  • މިއަހަރުގެ ޖޫން ޖުލައިގައިވެސް ރިސެސްއަކަށް ނުދޭ

  • ރިސެސްއަށް ނުދަނީ ކޯޓުގެ މަސައްކަތްތަކަށް ބުރު އަރާފައިވުމުގެ ސަބަބުން

  • ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު %50 އަށްވަނީ ދަށްވެފައި

ކްރިމިނަލް ކޯޓުން މިއަހަރު ރިސެސްއަށް ނުދާން ނިންމައިފިއެވެ. ރިސެސްއަށް ނުދާން ނިންމެވީ އެކޯޓުގެ ޤާޟީންގެ މަޖިލީހުންނެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރެއާއި ޑިސެންބަރު މަހު ކްރިމިނަލް ކޯޓުން ރިސެސްއަށް ދެއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ކްރިމިނަލް ކޯޓުން ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން ރިސެސްއަށް ނުދެއެވެ.

ޑިސެމްބަރު މަހު ރިސެސްއަށް ނުދިއުމަށް ނިންމާފައިވަނީ އެކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރު އަރާފައިވުމުގެ ސަބަބުން ކަމަށް ކޯޓުން ވިދާޅުވެއެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ނުކުރުމަށް ޖޭއެސްސީން އެންގުމާއި ގުޅިގެނ،ް ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމާފައިވީ ނަމަވެސް އިމާރާތުގެ މަސައްކަތް ނިމޭނެ މުއްދަތެއް އަދިވެސް ނޭގުމަކީވެސް ކްރިމިނަލް ކޯޓުން ރިސެސްއަށް ނުދިއުމަށް ނިންމި ސަބެބެކެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ އިމާރާތުގެ ދަތިކަން މެދުވެރިވެގެނ،ް ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު %50 އަށް ދަށްވެފައިވާކަމަށާއި އަޑުއެހުންތައް ލަސްވުމުގެ ސަބަބުން ދަޢުވާ ލިބޭ ފަރާތްތަކުގެ ޚާއްސަކޮށް ބަންދުގައި ތިބި ފަރާތްތަކުގެ، ޝަކުވާ ގިނަ އަދަދަކަށް ކޯޓަށް ހުށަހަޅާކަމަށެވެ. އަޑުއެހުންތައް މަދުވުމުގެ ސަބަބުނ،ް ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު ދަށްވެ ޤާޟީންގެ ބެކްލޮގް މައްސަލަތައް އިތުރުވެފައިވާކަމަށްވެސް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.