ޚަބަރު

ބަލިވިޔަސް، ދިވެހި ޓީމުގެ ފަރާތުން އުއްމީދީ އެތައް ކަމެއް


  • މެޗުގެ ބޮޑުބައިގައި މޮޅު، އެޓޭކިން ގޭމެއް ކުޅުނީ ރާއްޖެއިން

  • އަފްޣާނިސްތާނުން ލަނޑުޖެހީ މެޗު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި، އަފްޣާނިސްތާން އަތުން ބަލިވެއްޖެއެވެ.

ރާއްޖެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރާއްޖޭގެ މައްޗަށް އަފްޣާނިސްތާނުން ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އަފްޣާން ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހި، އެޓޭކިން ވިސްނުމެއްގައި ކުޅެމުންދިޔައިރު، ފުރަތަމަ 10 ވަރަކަށް މިނެޓުތެރޭގައި ރާއްޖޭގެ ގޯލަށް ނުރައްކާވާގޮތަށް ހަމަލާތަކެއް އުފައްދާފައިވެއެވެ.

އެހެންނަމަވެސް މެޗުގެ ބޮޑުބައެއްގައި ވަރަށް ރޭވުންތެރިކަމާއެކު ކުޅެމުންދިޔަ ރާއްޖޭގެ ޑިފެންސްލައިނުން، މި ހަމަލާތަކަށް ހުރަސް އެޅުމުގައި ކާމިޔާބީ ހޯދާފައިވެއެވެ.

ލިބޭ ފުރުސަތުތަކުގައި، ޙާއްސަ ގޮތެއްގައި ކައުންޓަރ އެޓޭކުތަކުގައި ރާއްޖެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފުރަތަމަ ހާފުގައި ވެސް އުފައްދާފައިވެއެވެ.

އެގޮތުން، މެޗުގެ ފަސްވަނަ މިނެޓުގައި އަފްޣާނިސްތާނުން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ހުއްޓުވައި، ކައުންޓަރ އެޓޭކުގައި އިބްރާޙީމް އައިސަމް މުޅިން ހުސްކޮށްލާފައި ދިން ބޯޅައެއް، އަފްޣާނިސްތާނުގެ ހާފު ތެރެއިން މުޅިން ހުސްކޮށް ހުރެ ހޯދައި، ރާއްޖޭގެ ކެޕްޓަން ހަމްޒާ މުޙައްމަދު ކުރިއަށްދާން މަސައްކަތްކުރި ވަގުތު އަފްޣާނިސްތާނުގެ ކީޕަރު ވަނީ ހަމްޒާ ހުއްޓުވަން އޭނާ ވައްޓާލައި ފައުލްކޮށްފައެވެ. މި ފައުލާ ގުޅިގެން ރެފްރީ ވަނީ ކީޕަރަށް ރީނދޫ ކާޑު ދައްކާފައެވެ.

އެ ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުގައި އައިސަމް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ، އަފްޣާނިސްތާން ކީޕަރުގެ އަތުގައި ޖެހިފައި ގޯލާއި ދިމާލަށް ދިޔަނަމަވެސް ރޮނގު މަތިން ކަހަލަ ގޮތަކަށް ކީޕަރު ވަނީ ބޯޅަ ހުއްޓުވާފައެވެ.

މީގެއިތުރުން މެޗުގެ 27 ވަނަ މިނެޓުގައި އަފްޣާނިސްތާނުގެ ކީޕަރު ދިން ޕާހެއް، އޭރިއާ ތެރޭގައި ހުރި ހަމްޒާ ހޯދި ނަމަވެސް، އޭނާ އޮފް ބެލެންސްވެ އެ ބޯޅައިގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއެކުއެވެ. އެގޮތުން ޒުވާން ތަރި އަޙްޒަމް ރަޝީދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން އަރާފައެވެ. މިއާއެކު ރާއްޖޭގެ އެޓޭކުތައް އިތުރަށް ވަރުގަދަވެ، ފާސިރުގެ އެޓޭކިން ތަޖުރިބާގެ އެހީގައި އަފްޣާނިސްތާންގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ.

މިހާފުގައި ކެޕްޓަން ހަމްޒާގެ ބަދަލުގައި އިބްރާޙީމް މަހުދީ (ފޭދޫ އިއްބެ) ވެސް ކުޅެން އަރާފައިވާއިރު މި ހާފުގައި އިތުރު ބަދަލުތަކެއް ވެސް ރާއްޖެ ޓީމުން ގެނެސްފައިވެއެވެ. އެގޮތުން ނާއިޒް ހަސަން (ދާދު) އާއި އުއްމީދީ ތަރި ނައްސާޙް އިބްރާޙީމް ކުޅެން އަރާފައިވާއިރު، އައު ކުޅުންތެރިންނާއެކު ރާއްޖޭގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެންދިޔައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އޭރިއާ ތެރޭގައި ހުރެފައި އިބްރާޙީމް މަހުދީ ޑީ އޭރިއާ ބޭރަށް ޖައްސާލި ބޯޅައެއް ހޯދައި ވަރަށް ބާރަށް އިބްރާޙީމް ވަހީދު ބޯޅަ ފޮނުވާލިއިރު މި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ އަފްޣާނިސްތާނުގެ ކީޕަރު ފައިސަލް އަޙްމަދެވެ.

އޭގެ ދެ މިނެޓުފަހުން ނައްސާޙް ވެސް ވަނީ އޭރިއާ ތެރެއަށް ބޯޅައާއެކު ވަދެ ގޯލަށް ނުރައްކާކޮށްފައެވެ. މި ހަމަލާއަށް ވެސް ހުރަސްއެޅީ ކީޕަރު ފައިސަލް އަޙްމަދެވެ.

މެޗުގައި އަފްޣާނިސްޠާން ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކަށް ހުރަސްއެޅުމުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައީ ޑިފެންޑަރު ޙަސަން އީނާޒްގެ ފަރާތުންނެވެ.

މީގެއިތުރުން ވެސް މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމުގެ ފަރާތުން އުއްމީދީ ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. ޙާއްސަ ގޮތެއްގައި މެޗުގައި ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއެކު، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު އުޖާލާވަމުންދާ މަންޒަރު ސިފަވެގެންދިޔައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ 80 ވަނަ މިނެޓުގައި، އަފްޣާނިސްޠާންގެ ކުޅުންތެރިން އޭރިއާ ތެރެއިން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޯމާން ފާޒީ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއިއެކު، މި މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު، ހުރިހާ ޓީމަކަށް ވެސް މިވަނީ ފަހިވެފައެވެ. އެއީ މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝާއި ޕާކިސްތާން ވެސް އެއްވަރުވުމާ ގުޅިގެންނެވެ.

މުބާރާތުގައި ރާއްޖެއަށް ކުރިއަށް ދެން އޮތީ ބުދަ ދުވަހުގެ ހަވީރު ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެރޭގެ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި އަފްޣާނިސްޠާނެވެ.