ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދަނީ ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ސެގްމަންޓަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ވަނީ ތަރައްޤީކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ، ސެގްމަންޓު 2، 3 އަދި 4 ގެ މަސައްކަތެވެ. އެމްޓީސީސީން މަސައްކަތުގެ އަދާހަމަ ހިއްސާ ކޮށްފައިވާއިރު، މިސެގްމަންޓުތަކުގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
ޕޭމަންޓު ހެދުމާއި، ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެނާއި ގުޅުންހުރި ހޮޅިއާއި، ކޭބަލް ވަޅުލުމާއި، މުވާސަލާތީ އެކިއެކި ޚިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެއާއެކު ފެން ހިންދާ ނިޒާމާއި ގުޅުންހުރި މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
Works are progressing simultaneously across Segments 2, 3, and 4 of the Malé North Side Boduthakurufaanu Magu Road Project (Phase 1).
— MTCC Plc (@MTCCPlc) June 1, 2026
Sewer upgrade works have now been completed, while sidewalk works, utility connections, cable trenching, curbstone, catchpit, panel, and anchor… pic.twitter.com/VAIiH3zhDJ
އެމްޓީސީސީން ވިދާޅުވީ، މިހަފުތާގެ ތެރޭގައި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަޙައްދެއްގެ ކެޕިންގ މަސައްކަތް ނިމޭނެ ކަމަށެވެ. މިއާއެކު 3 ސެގްމަންޓުގެ މިމަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމޭނެއެވެ. ހަމަމިއާއެކު ފެންހިންދުމަށް ޤާއިމުކުރާ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިމަހުގެ 2 ވަނަ ހަފުތާގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަނީ، ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. އެމްޓީސީސީގެ އަމާޒަކީ، މިމަހުގެ ނިޔަލަށް މިމަގުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިންމާލުމެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމޭއިރު، 500 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ އިންތިޒާމާއެކު ބޭންކް އޮފް ސިލޯން ކުރިމަތިން ބޮޑު ޕާކިންގއެއް، ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ބަނދަރުން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ. ހަމައެއާއެކު މަގު ތަރައްޤީ ކުރުމަށް ކުރިން ކުރިއަށް ގެންދިޔަ ސެގްމަންޓުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު، އެމްޓީސީސީން ވަނީ މަގު ފެހިކުރުމަށް، އެސަރަޙައްދުން ނެގި ގަސްތައް އަލުން އިންދުމުގެ މަސައްކަތްވެސް ކޮށްފައެވެ.
މަގު ހެދުމުގެ މަސައްކަތުގައި ހިމެނެނީ، ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް އޮތް ސަރަޙައްދެވެ.