ޚަބަރު

މިހާރުވެސް ހުރި އަގުގައި އެސްޓީއޯއިން ފިޔާ ލިބޭނެ


  • އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާއަށް

  • ބާޒާރުގައި ފިޔާކިލޯއެއް ވިއްކަނީ 25 ރުފިޔާއަށް

ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލު އައިނަމަވެސް އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެކުން ފުނިން މިހެން ވިދާޅުވީ ބާޒާރުގައި ފިޔާ ވިއްކާ އަގު އުފެލެމުންދާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެކުން ފުނީގެ ފިހާރަތަކުން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށްވެސް ލިބެންހުރިކަމަށެވެ. އަގަށްވެސް ބަދަލު ނުގެންނާނެކަމަށެވެ.

ފިޔާގެ ސްޓޮޮކްވެސް އެބަހުރިކަމަށާއި އިތުރަށް ބޭނުންވާނަމަ، މިފަދަ ހާލަތްތަކުގައި ކުރިވެސް އެފަދަ ތަކެތި އެތެރެކުރާ އުސޫލުން ފިޔާވެސް ގެނެވޭނެކަމަށެވެ. އަދި ފިޔާ ލިބުމުގައި ދަތިކަމެއް ނެތްކަން އެކުންފުނިން ފާހަގަކުރައްވައެވެ.

ބާޒާރުގެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 25 ރުފިޔާއިން މަތީގައި އުޅުނު ނަމަވެސް އެސްޓީއޯއިން މިވަގުތުވެސް ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާއަށެވެ.