ޚަބަރު

މެދުވެރިން ބޭނުންކޮށްގެން އެމެރިކާއާއެކު މުއާމަލާތުކުރުން އީރާނުން ހުއްޓާލައިފި


ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ ޓީމުން މެދިވެރިން މެދުވެރިކޮށް އެމެރިކާއާއެކު މުއާމަލާތުކުރުން ހުއްޓާލައިފިއެވެ. އީރާނުން އެމެރިކާއާއެކު މުއާމަލާތުކުރުން ހުއްޓާލާފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެެވެ.

އެމެރިކާއާއި ޔަހޫދީން ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނަށް ޙަމަލާދީ ފެށި ހަނގުރާމައިގައި އީރާންއާއި ލުބުނާނުގައި އެތައް ހާސް ބަޔަކު ޝަހީދުވެފައިވެއެވެ. ހަނގުރާމައާ ގުޅިގެން އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިކުރުމުގެ ސަބަބުން ހަކަތައިގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިޤްތިޞާދުތަކަށް ވަނީ ލޮޅުން އަރައިފައެވެ. އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދާއިރު، އީރާނުގެ އިތުރުން ލުބުނާނަށް ޙަމަލާ ނުދިނުމަކީ އީރާނުން ކޮށްފައިވާ މުހިންމު ޝަރުތެކެވެ. އަދި ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން އެ ޤައުމުން ފޭބުމަށް ވެސް އީރާނުން ބާރުއަޅައެވެ.

އީރާނާއި އެ ޤައުމަށް ވާގިވެރިވާ ސަރަޙައްދީ ޖަމާޢަތްތަކުން މިހާރު ނިންމާފައި ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށް، މުހިންމު އެހެން މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅިއަށް ވެސް ހުރަސްއެޅުމަށެވެ. އީރާންއާއި ޔަމަންއާއި ލުބުނާންއާއި ޢިރާޤުގައި ޙަރަކާތްތެރިވާ އީރާނުގެ ޝީޢީ ވާގިވެރިން ހިމެނޭހެން މި ގޮތަށް ޢަމަލުކުރަން ނިންމާފައި ވަނީ ޔަހޫދީންނާއި ޔަހޫދީންގެ ވާގިވެރިންނަށް އަދަބު ދިނުމުގެ ރޫޙުގައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގައި ޔަމަނުގު ޙޫޘީން އައު ޙަމަލާތައް ދޭ ނަމަ އެ ޙަަަމަލާތައް ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާބުލް މަންދަބް ކަނޑުއޮޅިއަށެވެ. ޔަމަން ކައިރީގައި އޮންނަ މި ކަނޑުއޮޅިއަކީ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިވެފައިވާ މި ޙާލަތުގައި ޤަނާތުލް ސުވައިސްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދާ މުހިންމު ކަނޑުއޮޅިއެކެވެ.

ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން އެއް ސަރަޙައްދުގައި ޚިލާފުވުމަކީ ހުރިހާ ސަރަޙައްދެއްގައި ވެސް އެ އެއްބަސްވުމާ ޚިލާފުވުން ކަމަށް ދެކެވޭނެ ކަމަށެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނިކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއާއި ޔަހޫދީން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.