ޚަބަރު

ޅަދަރިމައިންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނީ ދަރިފުޅަށް 2އަހަރު ފުރުމާ ހަމައަށް


  • ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތު ކަނޑައަޅަންވާނީ މަސައްކަތަށް ދަތިނުވާނެ ގޮތަށް

  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ

އޮފީހަށް ނުކުމެ މަސައްކަތް ކުރުމަށް ދަތިވާ ޅަދަރިމައިންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނީ އެންމެ ދިގުވެގެން ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެކޮމިޝަނުން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ޤަވައިދުގެ 183 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހުން ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ސިވިލް ސަރވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުޞޫލަކުން އަމަލުކުރެއްވުމަށް ނިންމަވާފައެވެ. އެގޮތުން ސިވިލް ސަރިވަސްގެ އިދާރާތަކަށް އެކޮމިޝަނުން ފޮނުވި ސަރކިއުލާގައި ވަނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށްކަމަށެވެ.

އަދި އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން އެމުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާނެ ގޮތުގެ މަތިންކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ނަމަވެސް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މުއްދަތަށް އެފަދަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ޅަދަރިމައިންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނީ ދިގުވެގެން ދަރިފުޅަށް 2 އަހަރު ކަމަށް ކަނޑައެޅި އިރު ސަރުކާރުން 2019 ވަނަ އަހަރު ވަނީ ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ދިނުމަށް ނިންމަވާފައެވެ.