ޚަބަރު

އޭސީސީގެ އެންގުމާއި އެއްގޮތަށް ފްލެޓު ދޫކުރުމުގެ ކަންކަން ހުއްޓާލައިފި


  • މަސައްކަތް ހުއްޓާލާފައިވަނީ ޝަކުވާތަކަށްފަހު އަލުން ދާއިމީ ލިސްޓު އާއްމުކުރުމަށްފަހު

  • އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމަށް އޭސީސީއިން ތުޙުމަތުކުރޭ

  • ދާއިމީ ލިސްޓާގުޅޭ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރައްޙައްދުން ދޫކުރާ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމާ އެއްގޮތަށް، ވަކިގޮތެއް އަންގަންދެން ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތަށް ފަހު، ޝަކުވާތަކަށް ބަލާ ލިސްޓް އަލުން ނެރެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ރޭގެ ދަންވަރާއެއްކޮށް ވަނީ، ފުރަތަމަ 4000 ފްލެޓް ލިބުނު މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ކުރިއަށްގެންގޮސްފައެވެ. ރޭގެ 10:00 އިން ފެށިގެން، 5 ގަޑިއިރަށް ގުރުއަތު ނެގުން ކުރިއަށްގެންދިޔައެވެ.

މިނިސްޓްރީއިން ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވަނީ، މިނިސްޓްރީއިން ދާއިމީ ލިސްޓް އިޢުލާންކުރުމާއި ގުޅިގެން، ފްލެޓާއި ގުޅޭ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އަނެއްކާވެސް ރޭގައި އަންގާފައިވަނިކޮށެވެ. ފުރަތަމަ ލިސްޓް ނެރުނުއިރުވެސް، އޭސީސީއިން އެގޮތަށް އެންގިއެވެ.

ޕްލޭނިން މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އޭ.ސީ.ސީގެ އެންގުމާއި އެއްގޮތަށް، ފްލެޓް ދޫކުރުމުގެ މަސައްކަތްތައް އެކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ހުއްޓާލާފައިވާކަމަށެވެ.

ފްލެޓް ލިސްޓުގައި މާކްސް ދީފައިވާގޮތާއި ގުޅޭގޮތުން އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޕޮއިންޓް ދިން ގޮތް އާއްމުނުކޮށް ފައިނަލް ލިސްޓް ނެރުމާއި ގުޅިގެން، އެކަމުގެ ޝަކުވާ 7000 އަށްވުރެ ގިނަ މީހުން މިނިސްޓްރީއަށް ހުށައެޅިއެވެ. ޝަކުވާތަކަށް ބެލުމަށް ފަހު މިނިސްޓްރިއިން ރޭ ނެރުނު ފައިނަލް ލިސްޓަށް ބައެއް ކަހަލަ ބަދަލުތައްވެސް ވަނީ އައިސްފައެވެ.


އެގޮތުން ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ނެގުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފްލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފްލެޓަށް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް 1 ފްލެޓެވެ. ފްލެޓް ބޭނުންވެގެން 20697 މީހުން ފޯމު ހުށައެޅިއެވެ. ނަމަވެސް އޭގެތެރެއިން ފުރަތަމަ ދޫކުރަނީ، މިހާރު ކުރިއަށްދާ 4000 ޔުނިޓް ލިބޭ މީހުންނާއި ގުޅުންހުރި މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ.