ޚަބަރު

ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް


  • 14 ހަފްތާގެ މަގު ޗާޓޫގައި 8 ދާއިރާއަކުން 161 ވައުދު ހިމެނޭ

  • ފުރަތަމަވެސް އޮތީ ޤައުމީ ސަލާމާތާ އިސްތިގުލާލް ހިމާޔަތްކުރުން

ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލެއްވީ ޤައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ދެނެގަނެ އެކަންކަމަށް ހައްލު ގެނެސްދެއްވުމަށް ވައުދުފުޅުވެގެންނެވެ.

އެގޮތުން ރިޔާސީ ކެމްޕޭންގެ ތެރެއިން ޖުމްލަ 161 ވައުދެއް އެމަނިކުފާނުވަނީ ވެވަޑައިގެންފައެވެ. ޤައުމަށާއި، އަތޮޅަށާއި، ވަކިވަކި ރަށްރަށަށް ގިނަ ވައުދުތަކެއް ވެފައިވާއިރު، އެކަންކަން 5 އަހަރުގެ ތެރޭގައި ފުއްދަވާނެކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައެވެ.

ވެރިކަމަށް ވަޑައިގަނެ އެންމެ ފުރަތަމަ 14 ހަފްތާގައި ކުރައްވާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެންމެ ޚާއްސަ އިސްކަމެއް ދެއްވާފައިވާ ފުރަތަމަ 3 ކަމަކީ ޤައުމުގެ ތަރައްޤީއާއި، ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްތަކެވެ. އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި "ސްލޯގަން" އެއްގެ ގޮތުގައި ބޭނުން ކުރި، "ބޭރުގެ ސިފައިން" މިގައުމުން ބޭރުކުރުމުގެ މުހިންމު ވައުދުފުޅެވެ. އިންތިޚާބީ ރައީސްއާއި އިދިކޮޅުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ދެއްކެވި އެއް ވާހަކަފުޅަކީވެސް އެއީއެވެ.

ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލަށް ބުރޫ އަރާގޮތަށް ސަރުކާރުން ހަދާފައި ހުރި ސިއްރު އެއްބަސްވުންތައް ހާމަކުރައްވާނެ ވާހަކަފުޅަކީވެސް ބޭރުގެ ސިފައިންގެ ވާހަކަ ވިދާޅުވާ ކޮންމެ ފަހަރަކު ޑރ. މުޢިއްޒު އަލިއަޅުއްވާލައްވާ ވާހަކަފުޅެކެވެ. އިންތިޚާބީ ރައީސް ހުވާކުރައްވާ ދުވަހުން ފެށިގެން މި ގޮތަށް ހުރި އެގްރިމަންޓްތައް ހޯދާ ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތައް ހުރި ލިޔެކިޔުން ހުރިނަމަ އެލިޔެކިޔުމެއް އާންމު ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައި ދެވަނައަށް މިކަން ކުރުމަށް ވަނީ އިސްކަން ދެއްވާފައެވެ.

މީގެ އިތުރުން އިންތިޚާބު ތެރޭގައި ދެއްކެވި އަނެއް ވާހަކަފުޅަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާވުމެވެ. ދިވެހި ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް (އީއީޒެޑް)ގެ ތެރެއިން ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތައް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަކީވެސް އިންތިޚާބީ ރައީސްގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަފައިވާ ޤައުމީ ސިޔާދަތާ ގުޅުންހުރި މުހިންމު މަސައްތެކެވެ.

މި މަގުޗާޓު ލޯންޗްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ހަފްތާ 14 މަގުޗާޓުގައި މައިގަނޑު 8 ދާއިރާއަކުން 161 ވައުދެއް ވަނީ ހިމަނުއްވާފައެވެ.