ޚަބަރު

ޝަކުވާތަކަށް ބެލުމަށްފަހު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި


  • ޝަކުވާއަށް ހުޅުވާލީ މިމަހުގެ 5 އިން 10 އަކަށް

  • ޖުމްލަ 7521 ޝަކުވާއެއް ހުށަހެޅުނު

  • ޕޮއިންޓް ދީފައިވާ އުޞޫލާމެދު އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި

  • ލިބޭ ފްލެޓް ކަނޑައަޅާނީ ގުރުއަތުން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ހުޅުވާލި 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށްފަހު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކުރައްވައިފިއެވެ.

މި 4000 ފްލެޓަކީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ފްލެޓްތަކެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެންމެ ފުރަތަމަ ޕްލޭނިންގ މިނިސްޓްރީން އާންމުކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ލިސްޓު އާންމު ކުރުމާއެކު ޕޮއިންޓު ލިބިފައި ހުރި ގޮތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކަކާއި، އެކި ކަހަލަ ތުޙުމަތުތަކާއި ޝަކުވާތައް ހުރުމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 5 އިން ފެށިގެން 10 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލިއެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާގެ ގޮތުގައި 7521 ޝަކުވާ ހުށަހަޅާފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހުކަމަށެވެ. މި ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.

އެގޮތުން ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ނެގުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފްލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފްލެޓަށް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް 1 ފްލެޓެވެ. ޕްލޭނިންގ އިން ވިދާޅުވީ، ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެންކަމަށެވެ.

"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ނިންމެވިއެވެ. ޕްލޭނިން މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީ ދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނެފައިވަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ކޮށްފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. މިކަމާގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެ، ގިނަ ތުޙުމަތުތަކެއް ކުރަން ފެށުމުން އޭސީސީއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.