ޚަބަރު

ޓެކްނިކަލް ކޯސްތަކުގައި ސްކޫލު ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހަދަނީ


  • ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ

  • ޓެކްނިކަލް ކޯސްތައް ހިލޭ ކިޔެވޭނެ

  • އަލިފުށި އަދި ދިއްދޫގެ އިންސްޓިޓިއުޓްގައި ޖެނުއަރީގައި 10 ކޯހެއް ފަށަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިގޮތުން ޓިވެޓް ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ގްރޭޑް 9 އަދި 10 އެއްގެ ދަރިވަރުން ބައިވެރިކުރުމާ ގުޅޭ ގޮތުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީއެވެ. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަނެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ "ބްރިޖިންގް އެކްސެލެންސް ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް"ގެ ދަށުން ނެޝަނަލް ލެވެލް ސެޓްފިކެޓް 3 އަދި 4 ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގުރޭޑު 9 އަދި 10 އެއްގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. ސްކޫލް ދަރިވަރުންނަށް މި ފުރުޞަތު ފޯރުކޮށްދިނުމުގެ ބޭނުމަކީ ތަފާތު ހުނަރުތަކުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފޯރުކޮށްދިނުމާއި ކިޔެވުން ނިންމައި މުޖުތަމަޢަށް ނުކުންނައިރު ފައިދާކުރާނެ މަސައްކަތްތައް ކުރުމަށް މަގުފަހިވެ، އެ ދާއިރާއަކުން މަތީ ތައުލީމު ޙާޞިލުކުރުމަށް ފުރުޞަތު ހުޅުވާލަދިނުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނީ މީހުން ބިނާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އަތޮޅުތަކުގައި ތިބިގެން ޒުވާނުންނަށް ފެންވަރު ރަނގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ޒުވާނުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމަށެވެ.

"ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ރަށްރަށުގައި މިއަޅާ އިންސްޓިޓިއުޓްތަކަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދީ ފުޅާކުރުމަށްޓަކައި މި ސަރުކާރުން ފެށްޓެވި މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް." މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މިހާރު ޤާއިމުކުރާ އިންސްޓިއުތްތަކުގެ ފައިދާ ސުކޫލުތަކާއި އެ ސަރަޙައްދުގެ ރަށްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ލިބެން ފެށުމުން ޓިވެޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށާއި ކިޔަވައިދިނުމުގެ ވަޞީލަތްތައް ޤާއިމުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ދިއްދޫއާއި އަލިފުށީގައި ތަރައްޤީކުރާ ސެންޓަރުތަކުން ވޮކޭޝަން ދާއިރާތަކުން ގިނަ ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް 10 ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޓިވެޓް ސެންޓަރުން ކުރިއަށްގެންދާ ކޯސްތައް:

• ނެޝަނަލް ސެޓިފިކެޓް 3 އިން ފައިބަރގްލާސް ބޯޓް ބިލްޑިންގ
• ނެޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން
• ނެޝަނަލް ސެޓިފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން
• ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން
• ނެޝަނަލް ސެޓިފިކެޓް 4 އިން ކޮމްޕިއުޓަ ހާޑްވެއަރ އެންޑް ނެޓްވޯކިން
• އެޑްވާންސް ސެޓިފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• އެޑްވާންސް ސެޓްފިކެޓް އިން ޕްރޮގްރާމިން
• ޑިޕްލޮމާ އިން ޕްރޮގްރާމިން
• ޑިޕްލޮމާ އިން ނެޓްވޯކިން

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އިންސްޓިއުޓްތަކުން ހިންގާ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުން ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކެއްކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރާންސިޝަން 360"- ޓިވެޓް ސުޓޫޑެންޓް އިންކުއުބޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ ތެރެއިން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ގެންދާނެއެވެ. އަދި ދަރިވަރުން ކިޔަވައި ނިމުމަށްފަހުގައިވެސް އިންސްޓިޓިއުޓްތަތަކުގެ ވޯކްޝޮޕްތަކުގެ ޚިދުމަތް 1 އަހަރު ދުވަހަށް ބޭނުންކޮށްގެން އިތުރަށް ކިޔަވާ އަހުލުވެރިވުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

ސަރުކާރުން ޓެކްނިކަލް އިންސްޓިއުޓްތައް ތަރައްޤީކުރަމުން އަންނަ ރ. އަލިފުށި ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގައި އަޅާ އެ އަތޮޅު ޓިވެޓް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ޢިމާރާތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތާކާއި ވޯކްޝޮޕްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތެވެ.

އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި ލެބޯޓަރީތަކަށް ބޭނުންވާ ސާމާނު ހޯދާފައިވާއިރު ރ. އަތޮޅު ޓެކްނިކަލް ސެންޓަރުގެ ލެބޯޓަރީއަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފޮނުވާ ނިންމާލެވޭނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ލެބޯޓަރީއަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލެބޯޓަރީއެއް ކަމަށެވެ. ކިޔަވައިދިނުމަށް ޢިމާރާތް ކުރާ އިންސްޓިޓިއުޓް ބްލޮކްގެ އިތުރުން ދަރިވަރުންނަށް އެކަމަޑޭޝަން ޚިދުމަތްތައް ހަމަޖެއްސުމަށްޓަކައި ދަނާލެއްވެސް މި އިންސްޓިޓުއުޓްތަކުގައި ހުންނާނެއެވެ. އަދި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް ކުޅިވަރާއި ކަސްރަތު ކުރެވޭނެ ޒަމާނީ ޖިމަކާއި، ރެކްރިއޭޝަން ހޯލެއްވެސް ހިމެނޭނެއެވެ.