ޚަބަރު

އެފްކޮންސްއަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފްނުކުރަން ނިންމައިފި


  • ޕްލެޓް ފޯމް ފަރަށް އެރީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 16 ވަނަ ދުވަހު

  • ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު ކޮންޓެރެކްޓަރަށް އޮތް

  • ޖުރިމަނާ ފައިސާ ވިލިމާލެ ފަރު އިޔާދަކުރުމުގެ މަސައްކަތަށް ބޭނުންކުރާނެ

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމެއް އެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެފްކޮންސް އިންފްރާސްޓްރަކްޗާއަށް ކުރި ޖޫރިމަނާ މައާފްކޮށްނުދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމަވައިފިއެވެ.

ބްރިޖުގެ ސަރވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 16 ވަނަ ދުވަހު އަރައި ފުން ނުކުރެވި އެ ތަނުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ތާށިވެފައިއޮތެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

"ޔުވްރާޖް" ނަމަކަށް ކިޔާ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ ވިލިމާލެ ފަރުގެ 100 މީޓަރު ދުރުމިނުގެ ސަރަޙައްދެއްގައި ޕޮޒިޝަންކޮށްފައި ވަނިކޮށް، އައި ބޮޑު ރާޅެއްގެ ސަބަބުން އެ ޕްލެޓްފޯމް ޕޮޒިޝަންކޮށްފައި އޮތް ޓަގުބޯޓު ފެޔަށް ދިޔުމުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ފަރަށް ލިބުނު ގެއްލުން ސަރވޭކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ވަނީ އެ ކުންފުނި 69.4 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ޖޫރިމަނާއަށް ބަދަލު ނުގެނައުމަށް ނިންމަވާފައިވަނީ ބޯޓުގެ ވެރިފަރާތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އީ.ޕީ.އޭ ގެ ނިންމުން މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ފަހުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އެ މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ލީގަލް ޓީމުން ތައްޔާރުކުރި ރިޕޯޓު ނިންމާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގައިކަމަށެވެ. އެ މައްސަލައިގައި ގޮތެއް ނިންމުމުގައި މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ހޯދަން އެ ރިޕޯޓުގައި ލަފާދީފައިވާތީ، ފަންނީ ލަފާ ހޯދުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްއަށް މިއަހަރުގެ މެއިމަހުގެ 11 ވަނަ ދުވަހު ސިޓީ ފޮނުވާފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިރާސާކުރުމަށްފަހު އެ މުއައްސަސާއަށް ފެންނަގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ނަގަންޖެހޭ ކޮންޓްރޯލް މެޝާރސްތަކާއެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުޞަތު މަސައްކަތުގެ ކޮންޓެރެކްޓަރަށް އޮތްކަމަށެވެ. އެހެންކަމުން، އެ މައްސަލާގައި އީ.ޕީ.އޭ އިން ކަނޑައަޅާފައިވާ ޖުރިމާނާ މުރާޖަޢާކޮށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން ބައެއް ތިމާވެށްޓަށް ލިބޭ ގެއްލުން އިއާދަކުރުމަށް ހޭދަކުރުމަށް އީ.ޕީ.އޭ އަށް ލިބުމަކީ މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކޭތީވެ، މި މައްސަލައިގެ ޖޫރިމަނާ ގެ ގޮތުގައި ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ އީ.ޕީ.އޭ ގެ "އެންވަޔަރަންމަންޓް ރެސްޓްރޯޝަން ފަންޑް" އަށް ޖަމާކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަދި މި ފައިސާ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށާއި، މިފަދަ މަސައްކަތްތައް ކުރުމަށް އީ.ޕީ.އޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.