ޚަބަރު

ގޯތީގެ އެގްރިމަންޓްގައި ސޮއިކުރުމުގެ އެންމެ ފަހު ފުރުޞަތު، ދެ ދުވަސްތެރޭ ނިންމަނީ


  • މިހާރު އެއްބަސްވުން ހަދަމުން ދަނީ، ފުރަތަމަ ބުރުގައި ސޮއިކުރަން ނުދެވުނު މީހުންނާއެކު

  • ހަފްތާ ބަންދުގައިވެސް ސޮއިކުރުން ކުރިއަށްގެންދިޔަ

  • މި ޕްރޮޖެކްޓްގައި 9001 ގޯތި ދޫކުރޭ

މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ދެދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދަނީ އެގްރިމަންޓްގައި ސޮއިކުރަން ނުދެވުނު މީހުންނަށް ދޭ އެންމެ ފަހު ފުރުޞަތުގައި ސޮއިކުރުމުގެ މަސައްކަތްކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމްގެދަށުން 9001 ގޯތި ދޫކުރެއެވެ. ގޯތި ލިބުނު މީހުންނާއެކު އެގްރިމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ފަށާފައިވަނީ އޮގަސްޓްމަހުގެ 27ވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތްވެސް އެ ދުވަހު ވަނީ ފަށްޓަވާފައެވެ.

ސަރުކާރުން މަސައްކަތް ކުރީ ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ނޮވެމްބަރު 5ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ނިންމާލެވިފައެއް ނުވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށެވެ. ނަމަވެސް މިހާރު ކުރަމުންދަނީ، އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ، ނާދެވުނު މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތްކަމަށެވެ. މިއީ ސޮއިކުރުމަށްދޭ އެންމެ ފަހު ފުރުޞަތުކަމަށް އަކްރަމް ވިދާޅުވިއެވެ. އެ މީހުންނާއެކު ސޮއިކޮށް، ގޯތީގެ އެގްރިމެންޓް އެކުލަވާލުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް އަކްރަމް ވިދާޅުވިއެވެ.

މި މަސައްކަތް އަވަސްކުރުމަށް، އެގްރިމެންޓްގައި ސޮއިކުރުން ހަފްތާ ބަންދާއެކުވެސް ކުރިއަށްގެންގޮސްފައިވެއެވެ. ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

އަކްރަމް ވިދާޅުވީ އެއްބަސްވުން އެކުލަވާލުމާއެކު، ގޯތި ކަނޑާ ހަވާލުކުރުމުގެ މަސަައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. ނަމަވެސް މި މަސައްކަތް މުޅިން ނިންމާލެވޭނެ ދުވަހެއް ބުނަން ނޭންގޭކަމަށް އަކްރަމް ވިދާޅުވިއެވެ. މިހާތަނަށް ހަވާލުކުރި ބިމުގެ އަދަދު އަކްރަމް ޙިއްސާކުރައްވާފައެއް ނުވެއެވެ.

ސަރުކާރުން ފައްޓާވާފައިވާ ބިންވެރިޔާ ސްކީމަކީ، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ގޯތި ދޫކުރުމަށް ކުރިއަށްގެންދިޔަ ފުރަތަމަ މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގައި ޖޮއިންޓްކޮށް ހުށައެޅި މީހުންނާއެކު، 19639 މީހުންނަށް ގޯތި ލިބުމަށް ޝަރުތު ހަމަވާކަމަށް ވަނީ ނިންމާފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރެއެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދޫކުރަނި ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

މި މަޝްރޫޢުގެ ބޭނުމަށް، ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލެވެސް ހިއްކުން ކުރިއަށްދެއެވެ.