ޚަބަރު

ޑރ. މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ތަޞައްވަރަކީ އިޖްތިމާޢީ ދާއިރާއިން ހިންގޭ އެންމެ ބިޔަ މަޝްރޫޢު: ޝިޔާމް


  • ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި 4 ބިލިއަން ރުފިޔާ

  • ބޯހިޔާވަހިކަން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް އެކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ

  • މިއީ ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އެންމެ މުހިންމު ވައުދުފުޅު

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ތަޞައްވަރަކީ ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު މައްސަލަ ހައްލުކުރެއްވުމަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢަށް ވެގެންދާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ޑރ މުޢިއްޒުގެ މުހިންމު ސިޔާސަތުތަކުގެ މައްޗައް ބަލަލާ ގެނަސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވީ، ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ޑރ. މުޢިއްޒުގެ ތަޞައްވަރުގައި ހިމަނުއްވާފައިވާ ގެދޮރު ޢިމާރާތްކުރުމުގެ ޤައުމީ މަޝްރޫޢަކީ ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ އެންމެ ބޮޑު ހައްލަށް ވެގެންދާނެކަމަށެވެ.

ވަކި ރައްޔިތެއް ބާކީނުކޮށް ހިންގޭ މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެތައް ރައްޔިތުންނަކަށް އުފާވެރިކަން ގެނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުޢިއްޒުގެ ޒައާމަތް ވެގެންދާނީ ދިވެހިން އެދޭފަދަ ތަރައްޤީއާއި ކުރިއެރުން މި ޤައުމަށް ގެނަސްދެއްވާނެކަމަށް 5 އަހަރުގެ ދައުރަކަށްކަމަށާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް އެވްރެޖް އުޞޫލަކުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބޯހިޔާވަހިމުގެ މަޝްރޫޢުގެ މަސައްކަތްތަކެއް މި ސަރުކާރުންވެސް ވަނީ ފައްޓަވާފައެވެ. އެހެންނަމަވެސް އެއިން އެއްވެސް މަޝްރޫޢުއެއްގެ މަސައްކަތެއް މިހާތަނަށް އައިއިރު ނިމިފައެއް ނުވެއެވެ. އެކަމަށް އިޝާރަތްކުރައްވާ މެންބަރު ޝިޔާމް ވިދާޅުވީ، އެ މަސައްކަތްތަށް އަވަހަށް ނިންމާ ޙައްޤުވެރި ފަރާތްތަކަށް ދިނުމަށްވެސް ޑރ. މުޢިއްޒު އިސްކަންދެއްވާނެކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޙިދުމަތަށް އެޙިދުމަތް ވާތީއާއި، ޑރ. މުޢިއްޒުގެ ރިޔާސީ މުހިންމު އެއް ވައުދުފުޅަށް އެކަން ވާތީކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށެވެ. އެކަމުގެ ނަތީޖާ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފެނިގެން ދާނެކަމަށާ، މި ސަރުކާރުން މަޝްރޫޢުތައް ހިންގިހެން ރައްޔިތުންނާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށް ނުގެންދަވާނެކަމަށެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް.. އެ ކަންކަމާ ކުރިމަތި ލައްވަވަައިގެން މިހާރުވެސް އެވަނީ މަސައްކަތްތައް ފަށްޓަވާފައި.. ހުވާކުރުމާއެކު 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކުރެއްވުމަށް މަސައްކަތްތައް ފައްޓަވާނެ.. އިސްކަން ދެއްވާނެ ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަންވެސް ހިމެނޭ، އެއީ އިޖްތިމާޢީ މައްސަލަ ޙައްލު ކުރުމަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢަށް ވެގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ޝިޔާމް ވަނީ އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ދިމާވެފައި އޮތް ބޮޑެތި މައްސަލަތަކަށް ޙައްލުގެންނެވުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހުރި މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އަދި މި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހަދަމުން ދާ 4000 ފްލެޓް ދޫކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވަމުންދާތީ އެކަން ހުއްޓާލުމަށް ސަރުކާރަށް ޝިޔާމް ވަނީ ގޮވާލާފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯ ގައި އެންމެ ޙާއްސަކަމެއް ދެެއްވާފައިވަނީ ބޯހިޔާވަހިކަމާއެކު ޤައުމުގެ އިޖްތިމާޢީ މައްސަލަތަކަށް ޙައްލުގެނަސް މުޅި ރާއްޖެ އެކުއެކީ ތަރައްޤީކުރެއްވުމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ރަށްރަށުން އަދި މާލެ ސަރަހައްދުންވެސް ގޯތި ލިބޭ ފަރާތްތަކަށް އެތަންތަން އިމާރާތްކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ޙާއްސަ ލޯން ސްކީމެއް ތަޢާރަފްކޮށް، އިމާރާތް ކުރުމަށް ރައްޔިތުން ކުރާ ހޭދައަށް ލުއިގޮތްތަކެއް ހޯދައިދެއްވުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.