ޚަބަރު

ހުވާ ކުރުމާއެކު ބޮޑެތި މަޝްރޫޢުތައް ފެށުމަށް މިހާރުވެސް ދަނީ ތައްޔާރުވަމުން: ޠާރިޤް


  • ޑރ.މުޢިއްޒުގެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ޕްރޮޖެކްޓް

  • ޠާރިޤް ވިދާޅުވީ، ޑރ.މުޢިއްޒުއަކީ ވަޢުދު ފުއްދަވާނެކަމުގެ އިތުބާރު އޮތް ބޭފުޅެއްކަމަށް

  • މެނިފެސްޓޯ ތައްޔާރުކުރައްވާފައިވަނީ މުޅި މައްސަލައަށް ޙައްލު ގެނައުމުގެ ވިސްނުމުގައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، އެންމެ ފުރަތަމަ މަސައްކަތްތަކެއްގެ ގޮތުގައި ހައުސިންގ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރުވެސް ކުރިއަށްދާކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ ދިވެހީންގެރާއްޖެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ، އައު ސަރުކާރުގެ މެނިފެސްޓޯއަށް ބަލާލުމުންވެސް، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފެނިވަޑައިގަންނަވާނެކަމަށެވެ. އެމަނިކުފާނުގެ ވިސްނުން ހުރީ، ކުދިކުދި މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ރިއާޔަތްކޮށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްކަމަށް ޠާރިޤު ވިދާޅުވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވަނީ ބޯހިޔާވަހިކަމަށް ބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވަނީ، ކުރިއަށް އޮތް 5 އަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު 20 އަހަރު ތެރޭގައި 65000 އަށްވުރެ ގިނަ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށެވެ.

ޠާރިޤް ވިދާޅުވީ، ބޯހިޔވަހިކަމަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކި، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެން ބޭފުޅަކީ އިންތިޚާބީ ރައިސް ޑރ. މުޢިއްޒު ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ބޮޑު ޕްރޮޖެކްޓް "ފުށިދިއްގަރު ފަޅު" ހިއްކުމަށް ވަނީ ހިިމަނުއްވާފައެވެ. ޠާރިޤް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ހިސާބުން ފެށިގެން ބޯހިޔާވަހިކަމުގެ މަސައްކަތްތައް އެންމެ އިސްކަމެއް ދީގެން ފައްޓަވާނެކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމަވާ، ތަރައްޤީގެ މަސައްކަތްތައް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

"ހުވާ ކުރައްވާއިރު ވަގުތުން ވަގުތަށް ލަސްނުވެ ބައެއް ކަހަލަ މަސައްކަތްތައް ފެށޭ ހިސާބަށް ގެންދަވާފައި ވަނީ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުން ހިއްކަން ޖެހޭ ތަންތަން، 1 އަހަރު ތެރޭގައި ހިއްކާނެކަމަށް. ދެން އެއަށްފަހު، މަގުތައް ހެދުމާއި ގެދޮރު އެޅުމާއި އިތުރު އުމްރާނީ މަސައްކަތްތައް އަވަހަށް ފެށިގެން ދާނެ." ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ ޑރ. މުޢިއްޒުއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ތަޖުރިބާކާރު ބޭފުޅެއްކަމަށެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު ހައުސިންގ ޕްރޮޖެކްޓް ހިޔާ މަޝްރޫޢުއާއި، އަދި އަތޮޅުތަކުގައިވެސް ކާމިޔާބުކަމާއެކު ހައުސިންގ މަޝްރޫޢު ހިންގެވި ބޭފުޅެއްކަމަށެވެ.

ޠާރިގުވަނީ މިހާރު ހިނގަމުންދާ ސަރުކާރުގައި ގޯއްޗާއި ފްލެޓް ދޭނެކަމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޙައްގުވެސް ކަށަވަރުކޮށްދެއްވާނެ ބޭފުޅަކީ، އިންތިޚާބީ ރައީސްކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މަސައްކަތްތައް ރާއްވަވާއިރު، އެކަމުގެ އެންމެ ޙައްގުވެރިންނަށް ބޯހިޔާވަހިކަން ލިބޭނެކަން ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަންނަ ސަރުކާރުގައި ފަށާ ގިނަ މަޝްރޫޢުތައް ދަޢުރުގެ ތެރޭގައި ނިންމަވަން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.