ޚަބަރު

ފްލެޓް ދިނުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި


  • ފްލެޓަށް އެދި 20،697 ފޯމު ހުށައެޅި

  • ފްލެޓު ލިބޭ ދާއިމީ ލިސްޓަށް ގިނަ ކަންބޮޑުވުންތާކައި ޝަކުވާތަކެއް

  • އިންތިޚާބީ ރައީސް އޮފީހަށްވެސް ޝަކުވާ ހުށައަޅަމުން އަންނަކަމަށް

  • އެންމެ އިންސާފުވެރިކަމާއެކު ފްލެޓްތައް ދެވޭނީ އަންނަ ސަރުކާރަށްކަމަށް

  • ނާޖާއިޒް ގޮތުގައި ފްލެޓް ދީފައިވާނަމަ އެކަންކަން ހުއްޓުވާ ފިޔަވަޅުއަޅާނެކަމަށް

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގެ ތެރޭގައި، ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް މިގޮތަށް އެދިވަޑައިގަތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދޫކޮށްފައިވާ ލިސްޓާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ޝަކުވާކުރަމުންދާތީކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ރައްޔިތުންގެ ފަރާތުން އިންތިޚާބީ ރައީސްގެ އޮފީހަށްވެސް ޝަކުވާއާއި ކަންބޮޑުވުން ހިއްސާކުރަމުންދާކަމަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އައު ސަރުކާރުގެވެސް އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި، އެސިޔާސަތަށް ބުރޫއަރާ ގޮތައް އަދި ރައްޔިތުންނަށް އޮޅޭގޮތައް ކަންކަން ކުރަމުންދާނަމަ އަދި ނާޖާއިޒް ގޮތުގައި ވަކިބަޔަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާނަމަ އެކަންކަން ބަލާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ފްލެޓްގެ ހައްގު ވެރިންނަށް ފްލެތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖަވައިދެއްވާނެ ކަމުގެ ޔަޤީންކަން އިންތިހާބީ ރައީސް ދެއްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިގާލީ މި މުއްދަތުގެ ތެރޭގައި އަވަސް އަރުވައިލައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އަންނަން އޮތް ސަރުކާރާ މި މަސައްކަތް ހަވާލު ކުރުމަކީ އެންމެ އެދެވޭ ގޮތްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އަވަސް އަރުވައިލައިގެން ކުރިއަށް މިއޮތް 9 ދުވަސް ތެރޭގައި އެންމެ އިންސާފުވެރިކަމާއެކު އެކަން ގެންދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ އިންތިހާބީ ރައީސް އޮފީހަށް ދަނީ ލިބެމުން. މިކަން ހުއްޓާލުމަށް އިންތިހާބީ ރައީސް އެދިވަޑައިގަތީ އެންމެ އިންސާފުވެރިކޮށް އެކަން ކުރިއަށްނުގެންދެވޭނެތީ" ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާން ވިދާޅުވީ، ވިނަރެސް ފްލެޓްތައް ދޫކުރުމުގައި، އަދި ވިއްކުމުގައި ކަރަޕްޝަނަށް މަގުފަހިވާގޮތް ކަންކަން ކޮށްފައިވާނަމަ އެކަން ހުއްޓުވާނެކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ހުޅުވާލުމުން ޖުމްލަ 20،697 ފޯމު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާ، ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިންގ މިނިސްޓްރީން އާއްމުކުރެއްވީ 8 އޯގަސްޓްގައެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކުރު މުއްދަތެއް ދެއްވުމަށްފަހު، ދާއިމީ ލިސްޓް ހައުސިންގ މިނިސްޓްރީން އާއްމުކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓާއި ޚިލާފަށް ދާއިމީ ލިސްޓު މިނިސްޓްރީން އާއްމުކުރެއްވީ، ލިބުނު ޕޮއިންޓުގެ މަޢުލޫމާތާއިވެސް އެކުގައެވެ.

4000 ފްލެޓް ދިނުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވީނަމަވެސް މަސައްކަތް މަޑުޖައްސާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ފުލެޓުގެ ދާއިމީ ލިސްޓާމެދު އާއްމުންގެ ހުރި ކަންބޮޑުވުންތަކަށް ބަލާ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.