ޚަބަރު

އޯގާތެރި މުޖުތަމަޢު ސިޔާސަތުގެ ދަށުން އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ: ނާޒިމް


  • މި ސިޔާސަތުގެ ދަށުން ނަފްސާނީ ބަލި ހުންނަ މީހުންނަށް ހެލްޕް ލައިނެއް ޤާއިމް ކުރެވޭނެ

  • ޤާނޫނީ ގޮތުން މަދަނީ އެހީތެރިކަން ބޭނުންވާ ފަރާތްކަށް އެޓާނީ ޖެނެރަލް އޮފީހުގައި މުއައްސަސާއެއް އުފައްދާނެ

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހި ވެގެންދާނެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގެ އޯގާތެރި މުޖުތަމަޢު ސިޔާސަތުގެ ދަށުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ ގިނަ މައްސަލަތަކަކަށް ހައްލު ހޯދައިދެވިގެންދާނެކަމަށް ކުރީގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދޭ ދިވެހީންގެރާއްޖެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީޕީއެމްގެ ސެނެޓުގައިވެސް ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އޯގާތެރި މުޖުތަމަޢު ސިޔާސަތުގެ ދަށުން ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 24 ގަޑިއިރު ޚިދުމަތްދެވޭ ހެލްޕް ލައިނެއް، ތަޢާރަފް ކުރެވޭނެ ކަމަށެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް އެހީވުމުގެ ގޮތުން، މިނިސްޓްރީއެއްގެ ދަށުން މުއައްސަސާއެއް ޤާއިމްކުރުމަށް، އިންތިޚާބީ ރައީސް ނިންމަވާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހަމަ މި ސިޔާސަތުގެ ދަށުން ޤާނޫނީ ގޮތުން މަދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް، އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވަޒީފާގެ ފުރުޞަތުތައް މިހާރަށްވުރެ އިތުރަށް ފަހިކޮށްދިނުމަކީވެސް މި ސިޔާސަތުގެ ދަށުން ކުރާނެ މުހިންމު ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ. މިފަދަ ޚިދުމަތްތައް ފޯރުކޮށްދެވިގެން ދިއުމުން، މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތައް ހައްލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤާނޫނީ ގޮތުން މަދަނީ އެހީތެރިކަން ނުލިބިގެން އުޅޭ އެންމެންނަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ތެރެއިން މަދަނީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް މުއައްސަސާއެއްގެ ތެރެއިން ޤާއިމްކޮށްދޭނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވި. މިފަދަ ކަންކަން ކަށަރުވެގެން ދިޔުމަކީ އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖުތަމަޢެއްގައި އުޅޭ ފަރާތްތަކުގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންވެފައި އޮތުމަކީވެސް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގެ ފަރުދުންގެ އަޚުލާޤާއި، ގުޅުންތަކާއި އުޅުންތައް ރަނގަޅު ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިގޮތަށް މުޖުތަމަޢުގެ އަފްރާދުންގެ ވިސްނުން ބައްޓަންކުރުމާއި، އަޚުލާޤު ރަނގަޅުކުރުމަށް ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، ޤައުމިއްޔަތު ދެކެ ލޯބިވާ ދަރިންތަކެއް މުޖުތަމަޢަށް ނެރުމަކީ އިންތިޚާބީ ރައީސްގެ ވަރަށް ބޮޑު އަމާޒެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

މުޖުތަމަޢުގައި އެންމެ ބޮޑު އެއް ބަލިކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި ގުޅޭގޮތުން ވެސް ނާޒިމް ވާހަކަދެއްކެވިއެވެ. އެގޮތުން، ނާޒިމް ވިދާޅުވީ، އެފަދަ ކަންކަމަށް މަގުފަހިވާ ހުރިހާ ދޮރެއް ބަންދުކުރަންޖެހޭ ކަމަށެވެ.

އެގޮތުން، ބޭނުންވާ ދާއިރާއަކުން ތަޢުލީމު ޙާސިލްކުރެވޭނޭ މަގު ޒުވާނުންނަށް ތަނަވަސްކުރަން ޖެހޭ ކަމަށާއި، އެ ކުދިންނަށް ޢާމްދަނީ ލިބޭ ވަޒީފާތައް އިތުރުވެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު އަންނަ ސަރުކާރުން ފަހިކޮށްދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.