ޚަބަރު

ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި


  • 3 ކޮޓަރީގެ ފުލެޓް ލިބުނީ 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް

  • 2ކޮޓަރީގެ ފުލެޓް ލިބުނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށް

  • ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮަށް އަންގާނެ

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރައްވައިފިއެވެ.

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭ.ސީ.ސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭ.ސީ.ސީގައި ރަޖިސްޓްރީވެސް ކޮށްފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ ގެޒްޓްކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫޢުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 ފްލެޓްކަމަށެވެ.

"ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ދޫކުރަން ހުޅުވާލި ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން 13000 ހާހެއްހާ މީހުން ޝަރުޠުހަމަވާ ކަމަށް ހައުސިން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓުގެ އެޅުމުގެ މަސައްކަތް އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މި މަޝްރޫޢުގެ ހައުސިންގ ޔުނިޓްތައް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. އެއީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ޔުނިޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މިއީ 17 ނުވަތަ 18 ފަންގިފިލާގެ ޓަވަރުތަކެވެ. މީގެތެރެއިން 13 ޓަވަރެއްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ 6 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމާފައެވެ. 4 ޓަވަރުގެ ފިނިޝިންގ މަސައްކަތުގެ %60 ނިމިފައިވާކަމަށް އެފް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނަމަވެސް، މި މަޝްރޫޢުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.