ޚަބަރު

ބަޖެޓު 2024: ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ


  • ރާއްޖޭގެ ރައީސްކަންކޮށްފައިވާ 5 ބޭފުޅަކަށް އިނާޔަތްދިނުމަށް ހިމެނާފައިވޭ

  • ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ

  • އެންމެ ބޮޑު އެއްޗެއް ކުރީގެ ރައީސް މައުމޫނަށް

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރީގެ ރައީސުންނަށްދޭ އިނާޔަތުގެގޮތުގައި 19.7 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރާއްޖޭގެ ރައީސްކަންކޮށްފައިވަނީ 5 ބޭފުޅަކަށް އިނާޔަތްދިނުމަށް ބަޖެޓުގައި ހިމެނާފައިވާއިރު، އެންމެ ބޮޑު އިނާޔަތެއް ދެނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާއަށެވެ. އަދި ކުރީގެ ރައީސުންނަށް ލިބޭ ފައިސާގެ އިނާޔަތް އެންމެ ބޮޑުކޮށް ލިބެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ. ރައީސް މައުމޫނަށް ފައިސާގެ އިނާޔަތުގެގޮތުގައި އަންނަ އަހަރު ނުވަ ލައްކަ ރުފިޔާ ދިނުމަށް ބަޖެޓުގައިވަނީ ކަނޑައަޅާފައެވެ. ކުރީގެ ރައީސުންގެތެރެއިން ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު ފައިސާގެ އިނާޔަތް ނުނަންގަވައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަދި ރައީސް އިބްރާޙީމް މުހައްމަދު ޞާލިހްއަށް ފައިސާގެ އިނާޔަތުގެ ގޮތުގައި އަހަރަކު ދިނުމަށް ކަނޑައަޅާފައިވަނީ 6 ލައްކަ ރުފިޔާއެވެ.

ކުރީގެ ރައީސުންނަށް ދޭ އިބާޔަތްތަކުގެ ތަފްޞީލު:

• ކުރީގެ ރައީސުންނަށް ލިބޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 4 ރައީސުންނަށް ޖުމްލަ: 2.7 މިލިއަން ރުފިޔާ (ރައީސް މައުމޫންއަށް އަހަރަކަށް 9 ލައްކަ ރުފިޔާ، ދެން ތިއްބެވި 3 ރައީސުންނަށް ކޮންމެ ރައީސަކަށް އަހަރަކަށް 6 ލައްކަ ރުފިޔާ)
• ކުރީގެ ރައީސުންނަށް ލިބޭ ލިވިންގ އެލަވަންސް ގޮތުގައި 5 ރައީސުންނަށް ޖުމްލަ: 3 މިލިއަން ރުފިޔާ (ކޮންމެ ރައީސަކަށް އަހަރަކަށް 6 ލައްކަ ރުފިޔާ)
• ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާގެ ގޮތުގައި 5 ރައީސުންނަށް ޖުމްލަ: 10.5 މިލިއަން ރުފިޔާ (ކޮންމެ ރައީސަކަށް އަަހަރަކަށް 2.1 މިލިއަން ރުފިޔާ)
• ކުރީގެ ރައީސުންނަށް ބޭސް ފަރުވާ ކުރުމަށް ދޭ ފައިސާ: 3.5 މިލިއަށް ރުފިޔާ (ކޮންމެ ރައީސަކަށް އަަހަރަކަށް 7 ލައްކަ ރުފިޔާ)

ކޮންމެ ރައީސަކަށް އިނާޔަތުގެ ގޮތުގައި ލިބޭ ޖުމްލަ ފައިސާ:

• ރައީސް މައުމޫން އަބްދުލް ޤައްޔޫމް: އަހަރަކު 4.3 މިލިއަން ރުފިޔާ
• ރައީސް މުޙައްމަދު ނަޝީދު: އަހަރަކު 4 މިލިއަން ރުފިޔާ
• ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު: އަހަރަކު 3.4 މިލިއަން ރުފިޔާ
• ރައީސް އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް: އަހަރަކު 4 މިލިއަން ރުފިޔާ
• ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް: އަހަރަކު 4 މިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރު އަހަރުގެ ބަޖެޓުގައި މިކަމަށް ކަނޑައަޅާފައިވަނީ 10.4 މިލިއަން ރުފިޔާއެވެ.

ރާއްޖޭގައި ކުރީގެ ރައީސުންގެ އިންތިޒާމުތައް ހަމަޖައްސަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނަށް އަމަލުކުރަން ފެށީ 2009 ވަނަ އަހަރުއެވެ.