ޚަބަރު

ފްލެޓުތައް ދޭނީ އެންމެ މަތިން މާކްސް ލިބޭ ތަރުތީބުން: އަކްރަމް


  • 4000 ފްލެޓުދޭނީ މާކްސް އެންމެ މަތިން ލިބޭ މީހުންގެ ތަރުތީބުން

  • މަކްސް ދޭ އުޞޫލު ވަނީ ހާމަކޮށްފައި

  • މިފަރާތްތަކުގެ ލިސްޓް ޢާއްމުކުރެވޭނެ ތާރީޚެއް ނޭނގޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި ޙަވާލުކޮށްގެން މި ސަރުކާރުން ތަރައްޤީކުރާ ފްލެޓްތައް ދެމުންދާނީ އެންމެ މަތިން މާކްސް ލިބޭ 4000 މީހުންނަށްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 4000 ފްލެޓް ދޭނީ ލިސްޓު ތަރުތީބުންކަމަށެވެ. އަދި ލިސްޓު ތަރުތީބު ކުރާނީ އެންމެ މަތިން މާކްސް ލިބޭ ތަރުތީބުންކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ލިސްޓް ފައިނަލްވާނެ ތާރީޚަކާއި ގުޅޭގޮތުން ސުވާލުކުރުމުން ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ، ފްލެޓް ލިބޭ މީހުންގެ ލިސްޓް ފައިނަލްކޮށް ނިމޭނެ ތާރީޚެއް އަދި ކަނޑައެޅިގެން ދަންނަވަން ނޭނގޭކަމަށެވެ. އަދި މިފްލެޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި، ލިސްޓުތައް ޙަވާލުކުރެވޭނެ ތާރީޚެއްވެސް ދަންނަވަން ނޭނގޭކަމަށް އަކްރަމް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ފަހި ދިރިއުޅުން ކޯރޕަރޭޝަން، އެފް.ޑީ.ސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ.

މި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓާއި، އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ 6 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމާފައެވެ. 4 ޓަވަރުގެ ފިނިޝިންގ މަސައްކަތުގެ %60 ނިމިފައިވާކަމަށް އެފް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނަމަވެސް، މި މަޝްރޫޢުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

އެހެންނަމަވެސް އެ މިނިސްޓްރީން މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ އެގްރީމަންޓް ހެދުމަށް ބޭނުންވާ ލިސްޓުތައް ފައިނަލްކޮށް އެފް.ޑީ.ސީއާއި ޙަވާލުކޮށްފައެއް ނުވެއެވެ.