ޚަބަރު

އަސްކަނި މައުރަޒު: އަގުހެޔޮކޮށް އެއްތަނަކުން ފޮތް ގަތުމުގެ ފުރުޞަތު


  • އާންމުކޮށް ފޮތްތައް ލިބޭ އަގަށްވުރެ، 20 ޕަސެންޓް ހެޔޮ އަގެއްގައި

  • ގިނަ ފޮތްތަކަކީ އަލުން ޗާޕު ކޮށްގެން މައުރަޒަށް ނެރެފައިވާ ފޮތްތަކެއް

ދިވެހި ބަހުގެ އެކެޑަމީން ސިލްސިލާކޮށް ބާއްވަމުން އަންނަ ދިވެހި ތާރީޚާއި ތަރިކަ އަދި ޒަމާންވީ ދިވެހި ފޮތްތަކާއި ޒަމާނީ ފަހުގެ ފޮތްތައް ގަންނަން ލިބޭ "އަސްކަނި މައުރަޒު 2023" ކުރިއަށްގެންގޮސްފިއެވެ. މިއީ އެއްދުވަހުގެ ނިޔަލަށް ދިވެހި ބަހުގެ އެކެޑަމީގައި ކުރިއަށްގެންދިޔަ މައުރަޒެކެވެ.

ދިވެހި ބަހުގެ އެކަޑަމީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ތާރީޚަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ވަޙީދު (މަޑުލު) އެވެ.

މި މައުރަޒު ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުން މުޙައްމަދު ވަޙީދު ވިދާޅުވީ، ފޮތަކީ އިންސާނާގެ ސިކުނޑި ތަނަވަސްކޮށްދޭ އެންމެ މުހިންމު އެއް ވަޞީލަތްކަމަށެވެ. އެހެންކަމުން ފޮތް އާންމުކުރުމާއި، ފޮތް ކިޔުމުގެ އިތުރުން ފޮތްތައް ދިރާސާ ކުރުމަކީ މީހާގެ ސިކުނޑި ތަނަވަސްވެ ވިސްނުން ފުޅާވާނެކަމެއްކަމަށެވެ. މުޙައްމަދު ވަޙީދު ވިދާޅުވީ، ފޮތް މައުރަޒުތަކަށް ޒިޔާރަތްކޮށް އެކަށީގެންވާ ފައިދާއެއް ލިބިގަތުމަކީ މުހިންމުކަމެއްކަމަށެވެ.

"ކަންކަމާއި މެދު ދެކޭގޮތް ހަރުދަނާވެ މި ކަންކަން ވާނެކަމެއް. އެހެންވީމައި މި މައުރަޒުންވެސް އަޅުގަނޑު ހީކުރަނީ އެކަށީގެންވާ ފައިދާއެއް މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެކަމަށް." މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ނާޒިމް ވިދާޅުވީ، މި މައުރަޒަކީ ދިވެހިބަހުގެ އެކެޑަމީގެ ފޮތްފިހާރައިން ލިބެން ހުރި ފޮތްތަކަށް ޚާއްސަކޮށްގެން ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި ލިބެން ހުރި ވަރަށް ގިނަ ފޮތްތަކަކީ، މިހާރު ހުސްވެފައި ހުރުމުން އަލުން ޗާޕު ކޮށްގެން މައުރަޒަށް ނެރެފައިވާ ފޮތްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި އަހަރުގެ މައުރަޒުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ، އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މަޢުލޫމާތުތައް ލިބޭ ފޮތްތައް ލިބެން ހުންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ޚާއްސަކޮށް "ދިވެހިބަހުގެ ގަވާއިދު 1،2،3،4″ އާއި، "ބަހުގެ ހަމައިގެ އަތްމަތީ ފޮތް"، "ފަހުބަސް"، "ޖަމީލުގެ ޑްރާމާތައް"، އަދި ކިޔަވާކުދިންނަށް ގިނަ މަޢުލޫމާތުތަކެއް ލިއްބައިދޭ "ދިވެހިރާއްޖޭގެ ރަދުންނާއި ރަނިން"، އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިބެން ހުންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ އާންމުކޮށް ދިވެހިބަހުގެ އެކެޑަމީއިން ފޮތް ވިއްކާ އަގުތަކަށްވުރެ 20 އިންސައްތައަށްވުރެ އަގުހެޔޮކޮށްކަމަށް އެކެޑަމީއިން ވިދާޅުވެއެވެ. މިއީ އާންމުންނަށް ފަސޭހަކަމާއެކު ފޮތް ހޯދޭނެ މަގު ފަހިކޮށްދިނުމާއި، ދިވެހި ބަހާއި، ތާރީޚާ ގުޅޭ ގިނަ ފޮތްތަކެއް ހެޔޮ އަގުގައި އާންމުންނަށް ފޯރު ކޮށްދިނުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މައުރަޒެކެވެ.