ޚަބަރު

ހުކުރު މިސްކިތް ވަށައިގެންވާ ސަރަހައްދުން ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި ނަފާ ހޯދޭނެ: ހެރިޓޭޖު


  • ތާރީޚާއި ސަޤާފަތާއި ގުޅޭ މައުލޫމާތު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ

  • ސަގާފީ ފަތުރުވެރިކަން ކުރިެރުވުމަށް މުހިންމު ނިންމެވުމެއކަން

  • ތާރީޚީ ބިނާތައް ރައްކާތެރިކުރުން މުހިންމުކަމަށް

ހުކުރު މިސްކިތް ވަށައިގެން ސަގާފީ ސަރަހައްދެއް ޤާއިމްކުރުމަކީ ސަގާފީ ފަތުރުވެރިކަން ފުޅާކޮށް އޭގެން އިޤްތިސާދީ ނަފާ ހޯދުމަށް މަގުފަހިވާނެކަމެއްކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން މިހެން ވިދާޅުވީ، ސަގާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން ހުކުރު މިސްކިތުގައި ބަފަރ ޒޯނެއްގޮތައް ކަލްޗަރަލް ޒޯނެއް ކަނަޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވުމާއި ގުޅިގެންނެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ސަޤާފަތާއި ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބާރުއަޅަމުން އަންނަ ގައުމެކެވެ. ސަޤާފަތާއި ތަރިކައަކީ މުހިންމު އެއްޗަކަށް ވީހިނދު ސަރުކާރުން ދަނީ ސަޤާފަތާއި ތަރިކަ ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ހަމައެއާއެކު ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރުމަކީވެސް ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމުކަމެކެވެ.

ހުކުރު މިސްކިތް ރައްކާތެރިކުރުމުގެ ގޮތުން ބަފަރ ޒޯނެއްގޮތައް ކަލްޗަރަލް ޒޯނެއް ނުވަތަ ސަގާފީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު ސަޤާފަތާއި ތަރިކައިގެ އިތުރުން ފަތުރުވެރިކަން ފުޅާކޮށް އެކަމުން ނަފާހޯދޭނެކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖެއަކީ އަމިއްލަ ސަޤާފަތެއް އޮންނަ ޤައުމަކަށް ވީ ހިނދު، ރާއްޖޭގެ ރީތި ސަޤާފަތާއި، ތާރީޚީ ބިނާތަކާއި، އާސާރީ ތަކެތި ފެންނަން ހުންނަ އިންތިޒާމެއް ކަލްޗަރަލްޒޯންގައި ހަމަޖެއްސުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭއާއި ގުޅޭގޮތުން މައުލޫމާތު ހޯދައި ދިރާސާކުރުމަށް ޝައުގުވެރިވާނެކަމެއްކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ޤާއިމްކުރުމާއެކު އެސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ދިވެހި ތާރީޚާއި އާސާރުތަކާއި ގުޅޭ މުހިންމު މައުލޫމާތު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، މާލޭގެ ސަގާފީ ފަތުރުވެރިކަން ފުޅާކޮށް އޭގެން އިޤްތިސާދީ ނަފާ ހޯދުމަށް މަގުފަހިވާނެކަމަވެ. މިފަދައިން އިންތިޒާމްތައް ހަމަޖެއްސުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތާރީޚާއި ސަޤާފަތައް ލޯބި ޖެހި ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ހުކުރު މިސްކިތަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ބިނާއެވެ. ހުކުރު މިސްކިތް ބިނާކުރެވުނީ މީލާދީން 1656 ވަނަ އަހަރު އެވެ. މި ބިނާއަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ މުހިންމު ބިނާއެކެވެ. މިފަދަ ތާރީޚީ ބިނާތައް ރައްކާތެރިކޮށް އަންނަ އޮތް ޖީލުތަކާއި ހިސާބަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެކެވެ.


ހުކުރު މިސްކިތް އޭރު ފެންނަން ހުރިގޮތަށް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކާއި ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން އެތަން އާބާތުރަފިލުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލްޒޯން ކަނޑައެޅުމުގެ މަސައްކަތަކީވެސް އިންޑިއާ ސަރުކާރުގެ އެހީގައި 1.3 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.