ޚަބަރު

ރައީސް ލަފާދެއްވީ ހުވާކުރާ ޖަލްސާއަށް ހުރަސްނާޅަން، ނަމަވެސް ރޫހު ހުރީ ބައިވެރިނުވާން: އަސްލަމް


  • މެންބަރުންގެ ރޫހުހުރީ ހުވާކުރާ ޖަލްސާ ބޮއިކޮޓުކުރަން

  • ރައީސް ލަފާދެއްވީ ހުވާކުރާ ޖަލްސާއަށް ހުރަސް ނޭޅުމަށް

  • ބަޖެޓު މަސައްކަތްވެސް ކުރާނީ އިތުބާރުނެތްކަމުގެ މައްސަލައަށްފަހު ކަމަށް

  • ދެން މަޖިލިސް ހިނގާނީ ސްޕްރިމް ކޯޓުން ނިންމާ ނިންމުމުގެ މައްޗައްކަމަށް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ބާއްވަވާ ޖަލްސާއަށް ހުރަސް ނޭޅުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާދެއްވާފައިވާކަމަށާއި، ނަމަވެސް މެންބަރުންގެ ރޫހު ހުރީ އެ ޖަލްސާގައި ބައިވެރިވެވަޑައި ނުގަތުމަށްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތް ރައީސެއްކަމަށާއި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ، ކުރައްވާ ހުވާ ސައްހަވާނެކަމަށް ޤަބޫލު ނުކުރާނެކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލަ ނުނިންމައި އިންތިޚާބީ ރައީސްގެ ކެބިނެޓަށްވެސް ރުހުން ނުދެއްވާނެކަމަށް އެމްޑީޕީ ޕީޖީން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ނޮވެމްބަރު 17 ގައި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ނެތް ކަމަށެއެވެ. އަދި އެ ޖަލްސާއަށް ހުރަސް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެކަން އެގޮތަށްނުކުރެއްވުމަށް ރައީސް ލަފާދެއްވާފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުންގެ ރޫހު ހުރީ ޖަލްސާގައި ބައިވެރިވެވަޑައި ނުގަތުމަށްކަމަށެވެ. ނަމަވެސް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ނުނިންމަވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"ދެން އެތަނަށް ގޮސް ކޮންމެހެން އަޅުގަނޑުމެން މަޖިލިސް ފުލޯގައި ޖަލްސާތައް ހުއްޓުވާ އުސޫލުން ކޮންމެހެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުން ކުރައްވާނެ ހެނެއް." އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހުވާ ކުރުމުގެ ޖަލްސާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޖަލްސާގެ ކޯރަމް ހަމަވާނެކަމަށެވެ. މަޖިލީހުގައި 87 މެންބަރުން ހިމެނިވަޑައިގަންނަވާއިރު ޖަލްސާއެއްގެ ކޯރަމް ހަމަވުމަށް ބޭނުންވަނީ 22 މެންބަރުންނެވެ.

އަސްލަމް ވަނީ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަސްލަމް ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރުމަކީ މުހިންމުކަމައެއްކަމަށާއި، އެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނީ އިތުބާރު ނެތްކަމުގެ މައްސަލަ ނިމުމުންކަމަށެވެ. އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ދެން ކުރިއަށް ދާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށާއި ކޯޓުން ނިންމާ ނިންމުމަށް އެޕާޓިން އިހްތިރާމްކޮށް ޤަބޫލުކުރައްވާނެކަމަށެވެ.

" ބަޖެޓުވެސް ހަމަ އިރާދަކުރެއްވިއްޔާ މި ކަން ނިމޭއިރަށް އަޅުގަނޑުމެންގެ ހުރިހާ އެއްބާރުލުމެއް ދީގެން، އެއީ 24 ގަޑިއިރު މިތާ ތިބެގެން ކަމުގައި ވީނަމަވެސް އިތުރު ޖަލްސާތައް ބާއްވައިގެން ވިއަސް އެކަންކަން ނިންމަން މިތިބީ އިނގޭތޯ. ޑިސެމްބަރު 31ގެ ކުރިން ނިންމަވަން ޖެހޭނެ 1 ޖަނަވަރީގައި ފެށޭ ބަޖެޓެއް. ސަޕްލިމަންޓްރީ ބަޖެޓައް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ހުށައެޅޭ ބަޖެޓެއް. އެ ބަޖެޓު ވީހާވެސް އަވަހަކަށް ހައްލުވެގެން ދިޔުމަކީ މުހިންމުކަމެއް. އަޅުގަނޑުމެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުމެއް ދޭނެ ވާހަކަ ދައްނަވަން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައަށް ހައްލެއް ނުލިބެނީސް ކޮމިޓީތަކުގެ މަސައްކަތަށްވެސް އެއްބާރުލުން ނުދެއްވާނެކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެމްދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ ވަނީ އެކޯޓަށް ބަލައިގަނެފައެވެ.