ޚަބަރު

ސަރުކާރު ލިބިއްޖެ، ދެން މަސައްކަތްކުރަންވީ ޕީޕީއެމް/ޕީއެންސީއަށް މަޖިލިސް އަޣްލަބިއްޔަތު ހޯދަން: ޔާމީން


  • މަޖިލީހުގެ މެޖޯރިޓީއާއެކު ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށް

  • ރައްޔިތުންނަށް ފައިދާވާ ކަންކަން މަޖިލީހުން ނިންމާނެކަމަށް

  • ސިޔާދަތީ ބާރު އަނބުރާ ހޯދާ އިޓްލޯސްއަށް އިސްތިއުނާފް ހުށައަޅަންޖެހޭކަމަށް

ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަން ދަމަހައްޓައި، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީން ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ހުންނެވި ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރެއްވުމާއި ގުޅިގެން އމެނަިކުފާނު އަންނަނީ ޕާޓީގެ ބައެއް ހަރަކާތްތަކުގައި މިހާރު ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ޕީޕީއެމް އޮފީހުގައި ސަޕޯޓަރުންނާއިއެކު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީއަށް ވެރިކަން ލިބުމަކީ ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރައްވާނެކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެއަށްފަހު އެންމެބޮޑު މަސައްކަތަކަށް ދެންއޮތީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުންކަމަށެވެ.

"މިހާރު މިއޮތީ އަޅުގަނޑުމެންގެ ސަރުކާރެއް. ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑރ.މުޢިއްޒު ﷲގެ ރަޙުމަތާއެކީގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަންނަވާނެ. ދެން އަޅުގަނޑުމެން މަސައްކަތްކުރަންވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ހޯދަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ އަޣްލަބިއްޔަތު ޕީޕީއެމް ޕީއެންސީއަށް މަުހިންމުވަނީ މަސްވެރިންނާއި، އަންހެނުންގެ ހައްގުތަކަށާއި، އެނޫންވެސް ރައްޔިތުންނަށް ފައިދާވާ މުހިންމު ނިންމުންތައް ނިންމުމަށްކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިެއްޖެނަމަ ޤައުމީ މައްސަލަތަކުގައި މަޖިލީހުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި މަޖިލީހުގައި ބަހުސްކޮށް ސަރުކާރަށް ދަތިވިނަމަވެސް އެއީ ގިނަ ރައްޔިތަކަށް ފައިދާވާކަމެއް ކަމުގައިވާނަމަ އެކަން ފާސްކުރުމުގެ ހިތްވަރުވެސް ހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެރިކަން ކުރާ އެމްޑީޕީއިން އަދާކޮށްފައިވާ ދައުރަށް ރައީސް ޔާމީންވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ މާޒީއަށް ބަލާއިރުމަޖިލީހަށް ހުށައެޅި އެއްވެސް ބަޖެޓަކަށް އެމްޑީޕީން އިދިކޮޅުގައި އޮވެ ވޯޓު ދީފައިނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައިވަނީ މިސަރުކާރުން ރާއްޖޭގެ ސިޔާދަތީ ބާރު ފަސޭހަކަމާއެކު ދޫދެއްވާ ދޫކޮށްލިކޮށްލުމަށް ތުހުމަތުކުރައްވާ ފާޑު ވިދާޅުވެފައެވެ. އަދި އައު ސަރުކާރުގައި އެންމެ އިސްކަމެއްދެއްވަންޖެހޭ އެއްކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު އަލުން ހޯދުމުގެ މަސައްކަތްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިކަމުގައި އިޓްލޯސްގެ ނިންމުން އިސްތިއުނާފްކުރުމަށް މަސައްކަތްކުރެއްވުމަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒާއި މަޝްވަރާކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތްވެސް ވަނީ އައު ސަރުކާރުން ކުރާނެކަމަށް ވިދާޅުވެފައެވެ. އެއީ އެގޮތަށް ދިވެހިން އެކަން ނިންމާ ބަސް އިއްވާފައިވާތީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.