ޚަބަރު

ޗާލު ފަރުމާއާއެކު ތަރައްޤީކުރި މީމު އެއަރޕޯޓް ޑިސެމްބަރަށް ނިންމަނީ


  • މީމު އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއް

  • އެއަރޕޯޓްގައި މިހާރު ކުރަމުންދަނީ ޓަރމިނަލް ނިންމުމުގެ މަސައްކަތް

  • މި ޕްރޮޖެކްޓަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް

މުލި އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ. ރަންވޭގެ މަސައްކަތްތައް ނިންމާއި މިހާރު ކުރަމުންދަނީ ޓަރމިނަލްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މ.މުލީގައި ތަރައްޤީކުރާ މީމު އެއަރޕޯޓަކީ އެ އަތޮޅުތަކުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓެވެ. މީހުން ދިރިއުޅޭ 8ރަށް އޮތްނަމަވެސް، އެއީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް އަތޮޅެވެ. މުޅި އަތޮޅުގެ އާބާދީއަކީ ގާތްގަނޑައަކަށް 7000މީހުންނެވެ.

ސަރުކާރުގެ ވަޢުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމެވެ. މުލި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންމެ ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިންނެވެ.

މި ޕްރޮޖެކްޓް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ، އެއަރޕޯޓްގެ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ރަންވޭއާއި، ޓެކްސީ ވޭ އަދި ޓަރމިނަލް ކުރިމަތިން އޮންނަ ސަރަޙައްދާއި މަގުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތްތައް ވަނީ ނިންމާފައިކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި ފަޔަރަ ބިލްޑިންގެ ކޮންސްޓްރަކްޝަން މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިވަގުތު ކުރިއަށްދަނީ ޓަރމިނަލްގެ މަސައްކަތެކެވެ. ޓަރމިނަލްގައިވެސް ކޮންކްރީޓް މަސައްކަތްތައް ނިންމާ މިހާރު ކުރަމުންދަނީ ޕްރީ ފެބްރިކޭޓްކުރުމުގެ މަސައްކަތްތަކެވެ. ޓަރމިނަލްގެ ފަރުމާ ސިފަވާވަރަށް މަސައްކަތްތައް ވަނީ ނިމިފައެވެ.

ރަމްޒީ ވިދާޅުވީ މުލި އެއަރޕޯޓް މަޝްރޫޢުގެ ހުރިހާ މަސައްކަތްތައް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާނެކަމަށެވެ.

މުލި އެއަރޕޯޓް ތަރައްޤީކުރަނީ އެރަށުގައި 2018ވަނަ އަހަރު ހިއްކި ސަރަޙައްދަށް، ބިން އިތުރުކޮށްގެންނެވެ. ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީންނެވެ. މިހާރު ހިއްކާފައި އޮތީ ރަންވޭ އެޅުމަށް ބޭނުންވި ސަރަޙައްދުއެވެ.

އެމްޓީސީސީން ބުނީ ރަންވޭގެ ދެފަރާތުން އޮންނަ ސަރަޙައްދު ހިއްކުމުގެ މަސައްކަތްވެސް ވަަރަށް އަވަހަށް ފަށާނެކަމަށެވެ. ރަންވޭއާއި އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް އެ ސަރަޙައްދު ވަށައިގެން ވަނީ ބޮޑު ހިލަ ޖަހާފައެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ 221 މިިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.

މީމު އަތޮޅު އެއަރޕޯޓް މަޝްރޫޢުއާއެކު އެންމެ ބޮޑު އުއްމީދެއް ކުރަނީ އަތޮޅުގެ އިޤްތިޞާދު ފުޅާވެ، އާމްދަނީ އިތުރުވުމަށެވެ.