ޚަބަރު

ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުން ފަށައިފި


  • ވަފްދުގެ އިސްބޭފުޅަކީ މިނިސްޓަރ ނަޞީމް

  • ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބާއްވާނެ

  • މިސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 76 ވަނަ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ފަށައިފިއެވެ.

މިއަހަރުގެ މި ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. 4 ދުވަހަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ.

މި އަހަރުގެ ބައްދަލުވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް 5 އަހަރަށް މި ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ހިމެނެއެވެ. މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ޔުނިވަރސަލް ހެލްތު ކަވަރެޖް ހާޞިލުކުރުމުގެ މައި އަސާސް ކަމުގައިވާ އާއްމު ޞިއްޙަތު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް މާދަމާ ކުރިއަށްދާނެއެވެ. އަދި "ދެއްލީ ޑިކްލަރޭޝަން އޮން ސްޓްރެންތަނިންގ ޕްރައިމަރީ ހެލްތު ކެއަރ އޭޒް އަ ކީ އެލިމެންޓް ޓުވާޑްސް އެޗީވިން ޔުނިވަރސަލް ހެލްތު ކަވަރެޖް" ގެ ނަމުގައި ގަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ހެލްތް މިނިސްޓްރީން ވިދާޅުވީ އެ ޤަރާރާއެކު މިސަރަޙައްދަށް ޚާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރަމުންދާ މަސައްކަތްތަކާއި، ޢާއްމު ޞިއްޙަތު ހަރުދަނާކުރުމަށާއި، ސްކޫލްތަކުގައި ޞިއްޙަތު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި، މި ސަރަހައްދުގެ ހެލްތު އެމަރޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން 2024-2025 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބްލް ފިނޭންސިން އަދި 14 ވަނަ "ޖެނެރަލް ޕްރޮގްރާމް އޮފް ވަރކް (ޖީ.ޕީ.ޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް ކުރާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރާވާފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅޭނެއެވެ.

މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.