ޚަބަރު

މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމާގުޅޭ ކޮންފަރެންސް ފަށައިފި


  • ބޭނުމަކީ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުން

  • މުވައްޒަފުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާނެ

  • ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނެއް ހެދުން މުހިންމު

މަސައްކަތްތެރީންގެ ސިއްހީ ދުޅަހެޔޮކަމާއި މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުވުމަށް "ނޭޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް" ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް މީރުމާ ހޮޓެލްގައި ބޭއްވި "ނޭޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2023" އަކީ އެޗްޕީއޭއިން އިސްނަންގަވައިގެން އެމްއޭސީއެލް އަދި ޑަބްލިއު.އެޗް.އޯ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އެމްއޭސީއެލް، އެމްޕީއެލް، ސަރުކާރުގެ ވުޒާރާތަކުންނާއި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބައިވެރިވެއެވެ.

މި ކޮންފަރެންސްގެ މަޤްސަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަަށަވަރުކޮށް މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުވުމެވެ.

ކޮންފަރެންސާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އޮފް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޢަބްދުﷲ ވިދާޅުވީ މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކަށް ފޯކަސް ކުރެވިގެން މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ. އަދި ސޭފްޓީ މެނޭޖްމެންޓް ސިސްޓަމަކީ ކޮބައިކަމާއި، މި ސިސްޓަމް ތަންފީޒްކުރުމުން ވިޔަފާރިތަކަށް އަންނާނެ ހެޔޮ ބަދަލުތަކަކީ ކޮބައިކަން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މުޙައްމަދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ސްޓްރެސްއާއި ބެހޭގޮތުން ވާހަކަދެކެވި، މުވައްޒަފުންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަކުގައި މިހާތަނަށް ލިބިފައި ހުރި ކުރިއެރުންތައްވެސް ހިއްސާކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ތަޖުރިބާކުރެވިފައި ހުރި ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ކުރާ ފަރާތްތަކުން، ވަޒީފާދޭ ފަރާތްތަކުން، ގިނަ ފަހަރު ގަބޫލުކުރަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ ހޭދައަކީ އެއީ އެބޭފުޅުންގެ ވިޔަފާރިއަށް އޮތް ގޮންޖެހުމެއްކަމަށް. އޭގެ އިތުރަށް ދައުލަތުން ކުރަންޖެހޭ ކަންތައްތައް ކުރެވިފައިނެތުން، މިއީ މިކަމަށް އޮތް ގޮންޖެހުމެއްކަމަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މުހައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާލައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނޭޝަނަލް ގައިޑްލައިނެއް ހެދުން މުހިންމުކަންވެސް މުހައްމަދު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި މަސައްކަތެރިންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރެފައި އޮންނަނީ ވަކި ގާނޫނަކާއި ގަވާއިދެއްގެ ތެރެއިންނެވެ. ވުމާއެކު ރާއްޖޭގައިވެސް ޤާނޫނާއި ގަވާއިދެއްނެތި ސޭފްޓީ އެންޑް ހެލްތު ކަށަވަރުކުރެވިދާނެކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ

ވީހާވެސް އަވަހަކަށް މަސައްކަތެރިންގެ ދުޅަހެޔޮކަމާއި މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނެއް ތަޢާރަފްކުރެވި އޭގެ ދަށުން ގަވާއިދުތަކެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޖެނެރަލް މެނޭޖަރ މުހައްމަދު ޢަބްދުﷲ ފާހަގަކުރެއްވިއެވެ.