ޚަބަރު

ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ހަދަންއުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް އެދިއްޖެ


  • ބޭސް ގެނައުމަށް އެއްބަސްވުން ހަދަނީ އިންޑިއާގެ ކުންފުންޏަކާއެކު

  • އިންތިގާލީ މިދަނޑިވަޅުގައި ނުކުރުމަށް އެދިވަޑައިގެންނެވި

  • ސިއްޙީ ދާއިރާގެ ތަކެތި މަދުކަން ފާހަގަކޮށްފައިވޭ

ރާއްޖެއަށް ބޭރުން ބޭސް ގެނައުމަށް އިންޑިއާގެ ކުންފުންޏަކާއެކު ހަދަން އުޅޭ އެއްބަސްވުން މިވަގުތަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސްގެ އޮފީހުން އެދިވަޑައިގެންފިއެވެ.

އިންތިގާލީ މަސައްކަތްތައް ކުރިއަށްދާގޮތް އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންތިޤާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، ރާއްޖެއިން ބޭރުން ބޭހާއި، ސިއްޙީ ސާމާނު ގެނައުމަށް އިންޑިއާގެ ކުންފުޏަކާ އެކު މިސަރުކާރުން އެއްބަސްވުމެއް ހަދަން އުޅޭކަމަށާއި، އެކަމަކީ އިންތިގާލީ މިދަނޑިވަޅުގައި ކުރެވިގެންވާނެކަމެއްނޫންކަމަށެވެ. އަދި އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަންބޮޑުވެ ވަޑައިގަނަވާކަމެއްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ބޭސް ސަޕްލައިކުރުމަށް ސަރުކާރުން އެއްބަސްވުން ޤާއިމްކުރުމަށް މަސައްކަތްކުރަނީ އެސްޓީއޯއާއި ޓެމިލްނާޑޫގެ ކުންފުންޏަކާ ދެމެދުއެވެ. އެސްޓީއޯއަކީ ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުންޏެވެ. ފިރުޒުލް ވިދާޅުވީ، ސޮއިކުރަން އުޅޭ އެމްއޯޔޫއަކީ ވަރަށް ހައްސާސް ކަމެއްކަމަށާއި، އިންތިގާލީ މި ދަނޑިވަޅުގައި އެފަދަކަމެއް ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާކަމަށެވެ.

"ސަރުކާރުން އެސްޓީއޯ އާ ޓެމިލްނާޑު ކުންފުންޏަކާއެކު ބޭހާ ބޭހާގުޅޭ ސަޕްލައި ހޯދުމަށް މިދަނޑިވަޅުގައި އެއްބަސްވުމެއްހެދުމަށް ދަނީ ތައްޔާރުވަމުންކަން ވަނީ ފާހަގަކުރެވިފައި. އެއީ މި ދަނޑިވަޅުގައި ކުރުން އެންމެ ރަގަޅުކަމެއްނޫން. އެއީ ރައްޔިތުންގެ އަސާސީ ޚިދުމަތާ ގުޅިފައި އޮތް ވަރަށް މުހިންމު ކަމަކަށްވާތީ އެކަން މި ދަނޑިވަޅުގައި ނުކުރުމަށް އިންތިހާބީ ރައީސް ވަނީ އެޑިވަޑައިގެންފައި" އިންތިހާބީ ރައީސްގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިއަހަރުގެ ނޮވެންބަރުމަހު މެދަކާއި ހަމައަށް އަންނައިރު، ބައެއް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތައް މެދުކެނޑުމަކަށް އައިސްދާނެކަމުގެ ކަންބޮޑުވުންވެސް މީގެ ކުރިން އިންތިޚާބީ ރައީސްގެ އޮފީހުން ފާޅުކުރައްވާފައިވެއެވެ. ހޮސްޕިޓަލްތަކަށް މިއަހަރުގެ ފަހު 6 މަސް ދުވަހަށް ބޭނުންވާ ވަރަށް ސާމާނު އޯޑަރު ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ އެކިއެކި ސާމާނުތަކަށް އޯޑަރ ނުކޮށްހުރީ، ބަޖެޓު ހަމަޖެހިފައި ނެތުމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭރުން ބޭސް ގެނައުމަށް އިންޑިއާގެ ކުންފުންޏަކާއެކު އެސް.ޓީ.އޯއިން ހަދަން އުޅޭ އެއްބަސްވުން މިވަގުތަށް މަޑުޖައްސާލުމަށް އެންގިކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރެއްވިނަމަވެސް، އެސް.ޓީ.އޯއިން ވަނީ މިކަން ދޮގުކޮށްފައެވެ.

އެކުންފުނިން ބުނީ އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމަށާއި އެކަން ހުއްޓުމަށް އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރަކީ ދޮގު ޙަބަރެއް ކަމަށެވެ.

އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް އެސް.ޓީ.އޯއިން ބުނެއެވެ.

މީގެ ކުރިން ސިއްޙީ ދާއިރާގެ މައްސަލަތަކެއް ހުރިކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނުމުންވެސް ސަރުކާރުން އެކަން ވަނީ ދޮގުކުރައްވާފައެވެ.