ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ އިތުރު 26 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި


  • މި ޕްރޮޖެކްޓްގައި ޖުމްލަ 63 ހެކްޓަރު ހިއްކާ

  • ބިން ހިއްކަނީ 3 ބަޔަކަށް ބަހާލައިގެން

  • މިއީ ބޯހިޔާވަހިކަމާއި، ސިނާޢީ އަދި އެހެނިހެން ބޭނުންތަކަށް ހިއްކާ ބިމެއް

ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ" ހިއްކުމުގެ މަސައްކަތްތައް ނިމި "ސައިޓް ބީ" ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. 3 ވަނަ ފިޔަވަހި ހިއްކަނީ 3 ބަޔަކަށް ބަހާލައިގެންނެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނީ "ސައިޓް އޭ"ގެ މަސައްކަތުގައި ހިއްކާފައިވަނީ 10 ހެކްޓަރުގެ ބިންކަމަށެވެ. އަދި މިހާރު މަސައްކަތްތައް ފަށާފައިވާ "ސައިޓް ބީ" ގައި 26 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ސަރަޙައްދަކީ، ޔޮޓް ސަފާރީފަދަ އުޅަނދުތައް ބަނދަރުކުރަމުން އަންނަ ސަރަޙައްދެވެ. އެޗްޑީސީން ވަނީ ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނަގާ، އެޗް.ޑީ.ސީން ހަމަޖައްސައިދީފައިވާ އިތުރު ސަރަޙައްދުތަކަށް އުޅަނދުތައް ގެންދިއުމަށް އެދިފައެވެ.

އެ ކުންފުނިން ވަނީ ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި މިހާރުވެސް ބައެއް އުޅަނދުތައް އަޅާފައި ވާތީ، އެ އުޅަނދުތައް ވީހާވެސް އަވަހަށް އެ ސަރަޙައްދުތަކުން ނެގުމަށް އެދިފައެވެ. މި އުޅަނދުތައް އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.

މިގޮތަށް އެދިފައިވަނި ބިން ހިއްކުމުގެ މަސައްކަތްތައް ވީހާވެސް އަވަސްކޮށް ކުރިއަށް ގެންގޮސް ނިންމާލުމަށްކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 63 ހެކްޓަރު ހިއްކައެވެ. އެގޮތުން އެއްމެ ފަހުން ހިއްކާ ސަރަޙައްދު "ސައިޓް ސީ" ގައި 24 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއި ހަވާލުކޮށްގެންނެވެ. މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީ ބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުން މިހާރު ދޭން ފަށާފައިވާ 9001 ގޯތީގެ ތެރެއިން، 1351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ.

ހުޅުމާލޭގައި މިހާރު ތަރައްޤީކުރަމުންދާ ދެވަނަ ފިޔަވަށްސެކޭ އެއްފަދައިން 2 ވަނަ ފިޔަވަހީގައިވެސް ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެގޮތަށްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.