ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް މިމަހުގެ 16ވާ ހޮނިހިރު ދުވަހު ހަވާލުކުރަން ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރު ޒަކާތު ސްކޮލަރޝިޕްތައް މިދެވެނީ 7 އަހަރުގެ މެދުކެނޑުމަކަށްފަހުކަމަށެވެ. އަދި މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 29 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް އެދި ހުށަހެޅި 18 އެޕްލިކޭޝަނާއި، ޚާއްސަ ސްކޮލަރޝިޕަށް އެދި ހުށަހެޅި 11 އެޕްލިކޭޝަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްކަމަށެވެ. މި 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއާއި، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.