ޚަބަރު

ފަލަސްޠީނުގެ 200އާއިލާއަކަށް ދިވެހިންގެ ފަރާތުން 100،000 ޑޮލަރު


  • ޖުމްލަ އެއްލަކަ ޑޮލަރު ވަނީ ބަހާފައި

  • 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ނަގުދު ފައިސާ ބެހި

  • ފައިސާ ބަހާފައިވަނީ މާރުކޭޓުތަކާއި ފިހާރަތައް ހުންނަ ސަރަހައްދުގައި

އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބުނީ ފަލަސްޠީނުގެ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އެ ކެމްޕެއިނުގެ ފަރާތުން ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ އެއްލަކަ ޑޮލަރު ބަހާފައިވާކަމަށް އައިއޭސީން ބުންޏެވެ. އައިއޭސީން ބުނީ ފައިސާ ބަހާފައި ވަނީ 200 އާއިލާއަށް 500 ޑޮލަރުގެ މަގުން ނަގުދު ފައިސާއިން ކަމަށެވެ.

އައިއޭސީން ބުނީ ފައިސާ ބަހާފައިވާ ސަރަހައްދަކީ މާރުކޭޓުތަކާއި ފިހާރަތައް މިހާރުވެސް ހުޅުވާ، މަސައްކަތް ކުރާ ސަރަހައްދެކެވެ. ފައިސާ ބަހާފައިވަނީ އެ ގައުމުގައި މަސައްކަތްކުރާ އައިއޭސީގެ މަސައްކަތްތެރިންނެވެ.

އިސްރާޢީލުން ފަލަސްދީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ވަނީ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ތަފާތު އެކި ހަރަކާތްތައްވެސް އެ ޖަމާއަތުން ދަނީ ހިންގަމުންނެވެ.

އައިއޭސީން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާއި ގުޅިގެން ވަނީ މިދިޔަ އަންގާރަ ދުވަހު ހާއްސަ ޓެލެތޯނެއްވެސް ބާއްވާފައެވެ. މި ޓެލެތޯނުގައި ޖުމްލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ޔަހޫދީ އިސްރާޢީލުން ފަލަސްތީންއަށް ދެމުންދާ ޙަމަލަތަކުގައި މިހާތަނަށް 3000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.