ދިވެހި އޭޖެންޓުނަށް ޤާނޫނީ ބާރުވެރިކަމެއް ނެތްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޯއިން ބުނެފިއެވެ.
މަޓާޓޯއިން މިކަން ހާމަކުރީ ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކާއި، އެ ދާއިރާގައި މަސައްކަތްކުރާ މީހުން ޝާމިލުވާ ގޮތަށް އެ ޖަމްއިއްޔާއިން މިއަހަރުގެ ޖޫންމަހު އާންމުކުރި ސާރވޭ ރިޕޯޓުގައި ހުރި ކަންކަން މީޑީއާގެ ސަމާލުކަމަށް ގެނައުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭރުގެ ޓްރެވަލް އޭޖެންޓުން ބޭނުންކޮށްގެން ނަހަމަގޮތުގައި ވިޔަފާރި ކުރަމުންދާކަމަށާއި، އެކަމަށް ޤާނޫނީ ހައްލެއް ހޯއްދަން ޖެހޭކަމަށް މަޓާޓޯއިން ބުނެއެވެ.
ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގައި ރާއްޖޭގެ ލޯކަލް އޭޖެންޓުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކޮންމެވެސް މީހެއްގެ ނަންމަތީގައި އޭޖެންސީއެއް ރަޖިސްޓްރީކޮށް އޭގެ ނާޖާއިޒް ފައިދާނަމުން ދާކަމަށް އެޖަމްޢިއްޔާއިން ތުޙުމަތުކުރެއެވެ.
މަޓާޓޯއިން ބުނީ މިކަންކަމަކީ ސަރުކާރުން ހައްލު ކުރެވޭނެ ކަންކަން ކަމަށާ، އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް އައިރު ލިބިފައިނުވާކަމަށެވެ. އަދި މިއީ ޓްރެވަލް އޭޖެންޓުން ކަންބޮޑުވާކަމެއްކަމެއްގެ ގޮތު މިއަހަރު ޖޫންމަހު ނެރުނު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަމަށް މަޓާޓޯއިން ބުނެއެވެ. މި ސަރވޭއިން ފަތުރުވެރިކަމުގެ ސިނާއަތާގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަވެފައިވާކަމަށް މަޓާޓޯއިން ބުނެއެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި ކޯވިޑް-19ގެ ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު މިމާކެޓުގައި ރާއްޖޭގެ ޓްރެވެލް އެޖެންޓުންގެ ހިއްސާ އިތުރުވަމުން އަންނަކަމަށާ، ބޭރުގެ އޭޖެންޓުންނަށްވުރެ ބޮޑަށް ރާއްޖޭގައި މި ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.