ޚަބަރު

މަސްވެރިންގެ ދީލަތި އެހީ ފަލަސްތީނަށް، މިހާތަނަށް ދެ ދޯންޏަކުން 75000 ރުފިޔާ


  • ވިލިނގިލީގެ ހުސީނާ މަސްދޯނިން 25000 ރުފިޔާ

  • ކަނޑުހުޅުދޫ ސީހޯސްއިން 50000 ރުފިޔާ

  • އައިއޭސީގެ ފަންޑަށް މިހާތަނަށް 7 މިލިޔަން ރުފިޔާ

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެގޮތުން ދިވެހި މަސްވެރިންގެ ތެރެއިން ގިނަ ބަޔަކު، އެމީހުންނަށް ލިބުނު އާމްދަނީން މިންވަރެއް ފަލަސްތީނުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރަން ނިންމައިފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. ޔަހޫދީ އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

މި ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ދިވެހިންވެސް އަންނަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިވެހި މަސްވެރިންވެސް ހިމެނެއެވެ.

އެގޮތުން ވިލިނގިލީގެ ހުސީނާ މަސްދޯނިން ވަނީ، އެ ދޯނިން މި ހަފުތާތެރޭ ބޭނި މަހުގެ ތެރެއިން އެއް ޓަނުގެ މަހަށްވާ ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމާފައެވެ. އެއީ ޖުމްލަ 25000 ރުފިޔާއެވެ. މީގެ އިތުރުން ގއ. ކަނޑުހުޅުދޫ "ސީހޯސް 3" ވަނީ 50000 ރުފިޔާ ހަދިޔާކުރަން ނިންމައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައި.އޭ.ސީން ޚާއްސަ ފަންޑެއް ހުޅުވާފައިވާއިރު، މި ފަންޑަށް ގިނަ ފަރާތްތަކުން ދަނީ ފައިސާ ހަދިޔާކުރަމުންނެވެ. އެގޮތުން މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ފަންޑަށް އެއްކުރެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އައި.އޭ.ސީގެ އިތުރުން، ފަލަސްތީނުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ޚާއްސަ ފަންޑެއް ހުޅުވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑު އެއްކުރުމަށް ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ފަލަސްތީނުގެ މުސްލިމް ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖާރިމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި އަޑުއުފުލަމުންނެވެ.