ޚަބަރު

މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ


  • ހޯދަމުން ދަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް

  • ދަތުރުކުރި ދޯނި އޮޔާދަނިކޮށް ވަނީ ފެނިފައި

  • އޭނާ ހޯދުމުގެ މަސައްކަތް ޕޮލިހުންނާއި އެމްއެންޑީއެފްއިން ދަނީ ކުރަމުން

އދ. ދަނގެތި މީހަކު އެކަނި މަހަށް ނިކުމު އުޅެނިކޮށް ގެއްލިގެން ހޯދަން ފަށައިފި އެވެ. ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ދަނގެތި، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވީ، ޔޫސުފް އިބްރާހީމް މަހަށް ނިކުތީ އޭނާގެ އަމިއްލަ ދޯނީގައި އެކަނިކަމަށެވެ. އަދި އޭނާ ދަތުރުކުރި ދޯނި އޮޔާދަނިކޮށް ފެނިފައިވާކަމަށާއި، ނަމަވެސް ޔޫސުފް އިބްރާހީމްގެ ޚަބަރެއް ނުވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އަސްލު ވެލިނަގަން އުޅުނު ބަޔަކަށް ދޯނި އޮޔާދަނިކޮން ފެނުނީ. ދެން އެމީހުން ބެލި އިރު އޭގައި ހަމަ ހުރިހާ އެއްޗެއްވެސް ހުރި. އެމީހުން ރިޕޯޓް ކުރުމާއެކު ހަމަ މަސައްކަތް ފަށާގެން މިއުޅޭނީ" މުއާވިއަތް ވިދާޅުވިއެވެ.

މުއާވިއަތު ވިދާޅުވީ، ޔޫސުފް ގެއްލުންކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ 11 ޖަހާކަށް ހާއިރުކަމަށެވެ. މިހާރު ފުލުހުންނާއި އެމް.އެން.ޑީ.އެފްއިންވެސް ޔޫސުފް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މުއާވިއަތް ވިދާޅުވިއެވެ.

ޔޫސުފް ގެއްލިގެން އޭނާ ހޯދުމަށް އެރަށުގެ ދޯނިތަކުގައި ބައެއް މީހުން މިހާރު ވަނީ ކަނޑު މައްޗަށް ނިކުމެފައެވެ. ނަމަވެސް ޔޫސުފް އަދި ފެނިފައި ނުވާ ކަމަށް މުއާވިއަތު ވިދާޅުވިއެވެ.