ޚަބަރު

އަންނަ ބުރެއްގައި ގޯތި ދޭން ކަނޑައެޅި 684 މީހުންނަށް ގޯތި ދޭނީ އުތުރުތިލަފަޅުން


  • މިިއީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރުން ދެމެދުގެ މީހުން

  • މިއީ އިސްކަންދޭ ތަރުތީބުން ނިންމި ނިންމުމެއް

  • މިނިސްޓްރީއިން ވިދާޅުވީ މި މީހުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެކަމަށް

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ލިބޭކަމަށް އެކުލަވާލި ދާއިމީ ލިސްޓުގައި، އަންނަ ބުރެއްގައި ގޯތި ދޭން ކަނޑައެޅި 684 މީހުނަށް އުތުރު ތިލަފަޅުން ދޫކުރާ ބިމުން ގޯތި ލިބޭނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއިން ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މިހާރު ހުޅުވާލާފައިވާ "ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި"ގެ ޕްރޮޖެކްޓްގެ ތެރެއިން މި މީހުންނަށް ގޯތި ދޫކުރާނެކަމަށެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓްގައި 19639 މީހަކު ގޯއްޗަށް ޝަރުތު ހަމަވެއެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިމެނޭހެން ގޯތި ދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭނެކަމަށް ކަނޑައެޅީ މި ލިސްޓްގައި ހިމެނޭ 684 މީހުންނަށެވެ. މި މީހުންނަށް ސަރުކާރުން ދެން އެންމެ އަވަހަށް ހިންގާ ހައުސިންގ ސްކީމަކުން ގޯތި ދޭނެކަމުގެ ޔަޤީންކަން މިނިސްޓްރިއިން ވަނީ ދެއްވާފައެވެ.

ގޯތިި ލިބުނު މީހުންގެ ތެރެއިން މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރުން ދެމެދުގެ މީހުންނެވެ. މިނިސްޓްރީއިން ވިދާޅުވީ، ކަނޑައަޅާފައިވާ ގޮތުގެމަތިން، އަލަށް ގޯތި ދިނުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން ގޯތި ދިނުމަށް ހިއްކާ ބިމުން މި މީހުންނަށް ގޯތި ދޭނެކަމަށެވެ. އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށްގެންދަމުނެވެ.

ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ، މި މީހުންގެ ލިސްޓް މިނިސްޓްރީގައި އެބައޮތްކަމާށާއި، އެފަރާތްތަކުން ސަރުކާރުން މިހާރު އަލަށް ހުޅުވާލި ފުރުޞަތަށް ވަކިން ފޯމު ހުށައަޅަން ނުޖެހޭނެކަމަށެވެ.

ނަމަވެސް މި ލިސްޓުގައި ހިމެނޭ މީހަކު، މިދިޔަ މަހު ސަރުކާރުން ހުޅުވާލި "ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި"އަށް އެހެން މީހަކާއެކު ޖޮއިންޓްކޮށް ފޯމު ހުށައަޅަން ބޭނުންވާނަމަ އެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް ބިންވެރިޔާ ސްކީމަށް ކުރިން ހުށައެޅި ފޯމު ބާތިލުރަންޖެހޭނެކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން [email protected] މެއިލްކޮށް ކުރީގެ ފޯމު ބާތިލުކުރުމަށް އެދެންޖެހޭނެއެވެ. އެއަށްފަހު އައު ސްކީމަށް، ޖޮއިންޓްކޮށް ފޯމު ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ސަރުކާރުން ފުރަތަމަ ނިންމެވީ މާލެ ސަރަޙައްދުން 5000 ގޯތި ދޫކުރުމަށެވެ. ނަމަވެސް މިއީ މި ސަރަޙައްދަށް އެންމެ މުހިންމު މަސައްކަތްކަމުގައި ދެކި، ލިސްޓުގައި ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭން ފަހުން ނިންމެވިއެވެ.

އެގޮތުން 9685 މީހުން ޝަރުތު ހަމަވާއިރު، މީގެތެރެއިން 9001 މީހުންނަށް މި ދަޢުރު ނިމުމުގެ ކުރިން ގޯތި ކަނޑާ ހަވާލުކުރާނެއެވެ. ޖޮއިންޓްކޮށް ހުށައެޅި މީހުންނާއެކު، 19000 އަށްވުރެ ގިނަ މާލޭގެ ރައްޔިތުންނަށް މި ސްކީމްގައި ގޯތި ލިބުނެވެ.

ސަރުކާރުން މިހާރު ވަނީ ގޯތި ދޫކުރުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދިއުމަށް ނިންމަވާ، ކުރިމަތިލުމަށް ހުޅުވާލައްވާފައެވެ. ސެޕްޓެމްބަރު 24ވަނަ ދުވަހު ހުޅުވާލި މި ފުރުޞަތު، މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާނެއެވެ. ދެވަނަ ފިޔަވަހީގައި 4000 ގޯއްޗާއި، 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައިގައި ގޯތި ދޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވަނީ އުތުރު ތިލަފަޅުންނެވެ.