ޚަބަރު

ފުރަތަމަ 4000 ފްލެޓްގެ ޙައްގުވެރިންނާއެކު ނޮވެމްބަރު 17ގެ ކުރިން ސޮއިކުރާނެ


  • ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓްގައި 15000އަށްވުރެ ގިނަ މީހިން ހިމެނޭ

  • ފްލެޓް ހަވާލުކޮށް ކްންޓްރެކްޓް ހަދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއިން

  • 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް އަދި ފައިނަލްކޮށްފައެއް ނުވެ

ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ތަރުތީބުކޮށް، ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންނާއެކު ކޮންޓްރެކްޓް ހެދުމުގެ މަސައްކަތްތައް ނޮވެމްބަރު 17ގެ ކުރިން ނިންމާނެކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ދާއިމީ ލިސްޓްގައި ފުރަތަމަ ފްލެޓް ލިބޭ މީހުން އަދި ތަރުތީބުކޮށްފައެއް ނުވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ފަހި ދިރިއުޅުން ކޯރޕަރޭޝަން، އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓާއި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ 6 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމާފައެވެ. 4 ޓަވަރުގެ ފިނިޝިން މަސައްކަތުގެ %60 ވަނީ ނިމިފައެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން އެފް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނަމަވެސް، މި މަޝްރޫޢުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

މިނިސްޓްރީއިން މިހާރު ވަނީ ފްލެޓް ލިބޭ ދާއިމީ ލިސްޓްގައި ހިމެނުނު އެންމެންނަށް އެކަން އަންގާފައެވެ. އެފް.ޑީ.ސީން ވިދާޅުވީ، ފްލެޓް ލިބޭ މީހުގެ ދާއިމީ ލިސްޓް ތަރުތީބުކޮށްދިންހާ އަވަހަކަށް ކޮންޓްރެކްޓް ހެދުމުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

މިކަމާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ލިސްޓް ތަރުތީބުކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ނަމަވެސް ތަރުތީބުކޮށް، ފައިނަލް ލިސްޓް މިހާތަނަށް ނެރެފައި ނުވާކަމަށެވެ.

އަކްރަމް ވިދާޅުވީ، މިހާރު ނިމެމުންދާ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް ޔަޤީންވާނެކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ގެ ކުރިން އެ ލިސްޓް ނެރެ، 4000 ޔުނިޓްގެ މަޝްރޫޢުއިން ފްލެޓް ލިބޭ މީހުންނާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްވެސް ނިންމާނެކަމަށެވެ.

ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުން ހަދާނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކުއެވެ.

މި މުޅި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާގޮތަށެވެ.

މި މަޝްރޫޢުގައި ތަރައްޤީކުރަނީ 2 ކޮޓަރިއާއި އަދި 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. މި ފްލެޓްތައް އޭގެ ޙައްގުވެރިންނާއި ހަވާލުކުރާނީ، ފިނިޝިންގގެ ހުރިހާ މަސައްކަތްތައްވެސް ނިންމުމަށް ފަހުގައެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 32 ޓަވަރު ހިމެނެއެވެ.

ސަރުކާރުން ފްލެޓަށް ހުޅުވާލި ފުރުޞަތަކީ މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިލެވޭގޮތަށް ހުޅުވާލި ފުރުޞަތެކެވެ. 20000 އަށްވުރެ ގިނަ މީހުން ފްލެޓަށް ކުރިމަތިލިއިރު، މީގެތެރެއިން 15000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެ ދާއިމީ ލިސްޓްގައި ހިމަނާފައިވެއެވެ.