ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފި


  • ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއެރުވުމަށް އުންމީދު ކުރައްވާކަމަށް ޑރ. މުޢިއްޒު ސަފީރަށް ދެންނެވި

  • އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވި

ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފިއެވެ.

އެމެރިކާއިން މި ޔަޤީންކަން ދީފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިއުގޯ ޔޮން ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލާ، ކުރިއަށް އޮތް ދައުރުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަަށް ވަރުގަދަވެ، ހަރުދަނާކުރެވި، މި ގުޅުން އާ ހަރުފަތަކަށް ގެންދެވުމަށް އުންމީދުކުރައްވާކަމަށް، ޑރ. މުޢިއްޒު ވަނީ ސަފީރަށް ދަންނަވާފައެވެ.

އެކި ދާއިރާތަކުން އެމެރިކާއިން ރާއްޖެއަށް ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލުން، ދެއްވާނެކަމަުގެ ޔަޤީންކަށް އެބައޮތް ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް، މި ޒިޔާރަތުގައި އެމެރިކާގެ ސަފީރު ވަނީ ދެ ޤައުމުގެ ކުރިއެރުމަށް ކުރިވެދާނެ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ޑރ. މުޢިއްޒަށް ދެއްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެމެރިކާ ސަފީރު ވަނީ ދެއްވާފައެވެ.

ރާއްޖޭގައި އަލަށް ޤާއިމްވެގެން ދިޔަ އެމްބަސީގެ ސަބަބުން، މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޑރ. މުޢިއްޒު އިންތިޚާބުވިފަހުން، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސަފީރުގެ އިތުރުން، ޗައިނާ އާއި އިންޑިއާގެ ސަފީރާއިވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.