ޚަބަރު

މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކުރީ އަރިދަފުސް ރޯގާ ޖެހިގެން


  • މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 39481 ރިޕޯޓްކުރި

  • މިދިޔަ މަހު ޑެންގީ ޖެހިގެން 288މީހުން ރިޕޯޓްކުރި

  • ރޯގާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ރިޕޯޓްކުރި ޢަދަދު އޭގެ ކުރީ މަހާ އަޅަބަލާއިރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން އޯގަސްޓްމަހު 28718 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް މިއަދަދު އިތުރުވެ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 39481 ކޭސް ރިޕޯޓުކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ރިޕޯޓްކޮށްފައިވަނީ 25713 ކޭސްއެވެ. އަދި ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 33854 ކޭސްއެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބަށް ބަލާއިރު އޯގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރު މިހާތަނަށް ޓެސްޓް ކުރެވުނު 1712 ސާމްޕަލްތަކުގެ ތެރެއިން 316 ސާމްޕަލް އިންފުލުއެންޒާއަށް ޕޮޒިޓިވްވިކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. އަދި މިދިޔަ އޯގަސްޓްމަހު ބޭރަށް ހިންގުން ޖެހިގެން 10451 ކޭސް ރިޕޯޓްކުރިކަމަށާއި، ސެޕްޓެންބަރުމަހު ރިޕޯޓްކުރީ 7160 ކޭސްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު މިއަހަރުގެ މި މުއްދަތުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހު 327 ކޭސް ރިޕޯޓްކުރިއިރު ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 288 ކޭސް ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރީ 250 ކޭސްއެވެ. އަދި ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 269 ކޭސް ރިޕޯޓްކުރިކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ މަހަކީ އަރިދަފުސް ރޯގާ ނޫން އެހެން ޢާންމު ބަލިތައް ޖެހިގެން ރިޕޯޓްކުރި އަދަދު ދަށް މަހެކެވެ. އެހެންނަމަވެސް އެޗްޕީއޭއިން ވަނީ ޑެންގީ ހުންފަދަ، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޢާންމު އެހެން ހުރިހާ ބަލިތަކުންވެސް ރައްކަތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.