ޚަބަރު

ތިމާވެށީގެ މައްސަލަތަކުގައި ކޮށްފައިވާ 263.1 މިލިއަން ރުފިޔާގެ ޖޫރިމަނާ ނުލިބޭ: އީޕީއޭ


  • މިއަހަރުގެ މިހާތަނަށް 892.3 މިލިއަން ރުފިޔާގެ ޖޫރިމަނާކުރި

  • މިހާތަނަށް ލިބުނީ 629.2 މިލިއަން ރުފިޔާ

  • އެންމެ ގިނައިން ޖޫރިމަނާތައް ކޮށްފައިވަނީ ފަރަށް އަރައިގެން

ތިމާވެށީގެ އެކި މައްސަލަތަކުގައި ކޮށްފައިވާ އެކި ޖޫރިމަނާތަކުން މިހާތަނަށް 263 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އީ.ޕީ.އޭއަކީ ރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމުގެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ހިންގާ ބަލަހައްޓާ ސަރުކާރުގެ އިދާރާއެވެ. އެ އިދާރާގެ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުމެވެ.

އެގޮތުން ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި، ޤާނޫނުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުނމަކީ އެ އިދާރާގެ މުހިންމު ޒިންމާއެކެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ޚިލާފުވެގެން ކޮންމެ އަހަރަކުވެސް ގިނަ ފިޔަވަޅުތަކެއް އަޅައި، ބޮޑެތި ޢަދަދުތަކުން އެކި ފަރާތްތައް ޖޫރިމަނާކުރާކަމަށެވެ.

އެގޮތުން ތިމާވެއްޓަށް ގެއްލުންދީގެން މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އެކި މީހުންނާއި ކުންފުނިތައް ހިމެނޭހެން 13 މައްސަލައެއްގައި 19 ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އޭގެ ތެރެއިން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ 11 ފަރާތަކުންނެވެ. 8 ފަރާތަކުން ޖޫރިމަނާ ފައިސާ ދައްކާފައި ނުވެއެވެ. އެންމެ ގިނައިން ޖޫރިމަނާ ދެއްކުމަށް ފިޔަވަޅު އަޅާފައިވަނީ ފަރަށް އެރުމުގެ މައްސަލަތަކުގައެވެ.

އީ.ޕީ.އޭއިން ޕީއެސްއެމް ނިއުސްއާއި ހިއްސާކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 892،382،905 ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް އީ.ޕީ.އޭއަށް ދައްކާފައިވަނީ 629،230،245 ރުފިޔާއެވެ. އަދި ނުލިބި 263،152،660 ރުފިޔާ އެބަހުރިކަމަށް އީ.ޕީ.އޭއިން ވިދާޅުވިއެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ޖޫރިމަނާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އުޅަނދު ފަރަށް އެރުމާއި، ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގޯނާކުރުމާއި، ގަވާއިދާ ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި ގަވާއިދާ ޚިލާފުވުމުގެ އިތުރުން ގޮނޑުދޮށުން ވެލި ނެގުން ހިމެނެއެވެ.

އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ އުޅަނދުފަހަރު ފަރަށް އެރި މައްސަލަތަކުގައެވެ. އެފަދަ މައްސަލަތަކުގައި ޖުމްލަ 234،534،110 ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ.

ޖޫރިމަނާކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، މި އަހަރުގެ ޖޫން މަހު، ބ. ކެޔޮދޫގައި ވެލާތަކަކަށް ގޯނާކުރުމާއި ގުޅިގެން ވަނީ 7 މިީހަކު ޖޫރިމަނާ ކުރިއެވެ. މި މައްސަލައިގައި ކޮންމެ މީހަކު، ޖުމްލަ 33،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަަލަށް އެ ހުރިހާ އެންމެންވެސް ވަނީ ޖޫރިމަނާ ފައިސާ ދައްކާފައެވެ.

މީގެ އިތުރުން، ހއ. ދިއްދޫ ފަރަށް ބާޖަކާއި، ޓަގު ބޯޓެއް އުރުނު މައްސަލައާއި، ކ. އަތޮޅު ބޮޑު ގިރި އަދި ކ. ވާވެއްދި ފަރަށް ޓަގު ބޯޓެއް އެރި މައްސަލައިގެ އިތުރުން އެމް.އެސް.ވީ މަރިއާ ސިންތަޔާތިޔައި ރިޔަން ނަމަކަށް ކިޔާ ބޯޓު ކ. އަތޮޅު ކުޑަގިރި ފަރަށް އެރި މައްސަލަވެސް ހިމެނެއެވެ. މި މައްސަލަތަކުގައި ކުށްވެރިވި ކުންފުނިތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ

އެގޮތުން އެޗް.އާރް.އެސް އިންފްރަޓެކް ޕްރައިވެޓް ލިމިޓެޑް ވަނީ 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ 131،435،400 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އެސް.އެމް.ޓީ.ޓީ ޖެސިންތާ ވަނީ 3،098،710.00 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ދިއްދޫގެ ފަރަށް ބާޖު އަދި ޓަގު ބޯޓު އެރުމާއި ގުޅިގެން އެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީ.ޕީ.އޭއިން ވިދާޅުވިއެވެ.

ޖޫރިމަނާގެ ފައިސާ އީ.ޕީ.އޭއަށް ލިބުމުގައި ދަތިވާ މައިގަނޑު އެއް ސަބަބަކީ އެ އެޖެންސީއިން ތަންފީޛުކުރަމުންގެންދާ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން ޖޫރިމަނާކޮށްފައިވާ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުލިބުންކަމަށް އީޕީއޭއިން ފާހަގަކުރައްވައެވެ. އެ އެޖެންސީން ވަނީ، ސަރުކާރުގެ އެ އިދާރަތައް ޖަވާބުދާރީ ކުރުވުމުގެ ބާރު އީ.ޕީ.އޭއަށް ލިބިފައިނުވާކަންވެސް ފާހަގަކޮށްފައެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ ލިބުމުގައި ދަތިވާކަމަަށް އެ އެޖެންސީން ވިދާޅުވެއެވެ.

ހަމައެއާއެކު އީ.ޕީ.އޭއިން ޖޫރިމަނާކޮށްފައިވާ އާންމު ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފަރަށް އުރޭ އުޅަނދުތަކާ ގުޅިގެން ކުރެވިފައިވާ ބައެއް ޖޫރިމަނާތަކަކީ ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނޭ މައްސަލަތައް ކަމުގައި ވާތީ، މިހާރު އަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އެފަރާތްތައް ޖޫރިމަނާގެ ފައިސާ ނުދައްކާ ހުންނަކަންވެސް އީ.ޕީ.އޭއިން ފާހަގަކުރައްވައެވެ.

އެ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ކޯޓުގައި ހޭދަވާ މުއްދަތު ދިގުލައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އީ.ޕީ.އޭއަށް އެފަރާތްތަކުން ދައްކަންޖެހޭ ރުފިޔާ ދެއްކުމުގައި ދަތިތައް ދިމާވާކަމަށްވެސް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއެވެ.