ޚަބަރު

"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް މިހާރު އެދެވޭނެ


  • ޓީޗިންން ލައިސަންސްގެ އިތުރުން ، އިތުރު 2 ބާވަތެއްގެ ލައިސަންސަށް އެދެވޭނެ

  • ދޫކުރާނީ ޑިޖިޓަލް ލައިސަންސް ކާޑެއް

  • މިހާރު ޚިދުމަތުގައި ތިބި މީހުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައި

މުދައްރިސުން ރަޖިސްޓްރީކުރުމަށާއި، ލައިސަންސް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލް އިފްތިތާޙްކޮށްފިއެވެ. މިޕޯޓަލް އިޕްތިތާހްކޮށްދެއްވީ އެކަމަށްޓަކައި އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

މި ޕޯޓަލްއާއެކު މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށައެޅޭނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ޑިޖިޓަލް ލައިސަންސް ކާޑު ދޫކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކުރުމުގެ މަޤްޞަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބެނުންވާ ތަޢުލީމީ ފެންވަރާއި، ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މުޖުތަމަޢު ޤަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާބަޔަކަށް ހެދުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

"ޓީޗިން ލައިސަންސް"ގެ އިތުރުން "ވަން ގަވް"އިން "ސްކޫލް ލީޑަރޝިޕް ލައިސަންސް" އާއި "ސްކޫލް ޕްރޮފެޝަނަލް ލައިސަންސް" އަށްވެސް މި ޕޯޓަލްއިން ހުށަހެޅޭނެއެވެ.

މިނިސްޓްރީން ދޫކުރައްވާ ލައިސަންސްތައް:

◆ ޓީޗިން ލައިސަންސް: މި ލައިސަންސަކީ ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންނާއި ޓިއުޓަރުންނާއި ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

◆ ސްކޫލް ލީޑަރޝިޕް ލައިސަންސް: މިއީ ސްކޫލްތަކާއި ޕްރީސްކުލޫތަކުގެ ލީޑަރޝިޕްގައި މަސައްކަތްކުރުމަށް ބޭނުންވާ ލައިސަންސެވެ.

◆ ސްކޫލް ޕްރޮފެޝަނަލް ލައިސަންސް: މި ލައިސަންސަކީ ޓީޗިން ލައިސެންސެއް ނުވަތަ ސްކޫލް ލީޑަރޝިޕް ލައިސެންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ދަރިވަރުންނާ އެކު މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ. އޭގެ ތެރޭގައި ތެރަޕިސްޓުންނާއި ކައުންސެލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސްޕަވައިޒަރުންނާއި ވޮކޭޝަން އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން ހިމެނެއެވެ.

ލައިސަންސް ދޫކުރާ ޕޯޓަލް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މުދައްރިސުން ރަޖިސްޓްރީކުުރުމާއި ލައިސަންސް ދޭން ފެށުމުން މުދައްރިސުންނަކީ އަބަދުވެސް މަޢޫލޫމާތާއި ހުނަރުތައް ތާޒާ ކުރަމުންދާ ބަޔަކަށް ވެގެންދާނެކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔެއަށް ލޯ ހުޅުވި ދަރިވަރުން އެކަންކަމަށް ތައްޔާރު ކުރުމުގެ ޤާބިލުކަން މުދައްރިސުންނަށް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ، މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު މަތިވެގެން ދިއުމަކީ ކޮންމެ މީހަކަށްވެސް އޭގެ ހެޔޮ އަސަރު ކުރުވާނެކަމެއްކަމަށެވެ.

"އަޅުގަނޑުމެން މިފަށާ މަސައްކަތުގެ ސަބަބުން ބެލެނިވެރިންނަށް ކަށަވަރުވެގެންދާނީ އެ ބޭފުޅުންގެ ދަރިން ހަވާލުކުރެވެނީ ކަމަށް ޤާބިލު އެކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔާތެއް ލިއްބައިދޭނެ ހުނަރުވެރި މުދައްރިސުން ތަކަކާކަން . އަދި މި މަސައްކަތުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބެލެނިވެރިންގެ އިތުބާރު ބޮޑުވެ މިދާއިރާއގައި މަސައްކަތްކުރުމަށް ޝައުގިވެރިވާ ފަރާތްތައްވެސް އިތުރުވާގެންދާނެ. "މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިހާރު ތިބި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ މަސައްކަތް މިދިޔަ އޯގަސްޓްމަހު ފަށާފައިވާކަމަށެވެ. އަދި މުދައްރިސުންނަށް ލައިސަންސް ދިނުމާ ގުޅޭ އިދާރީ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލެވޭނެކަމަށެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ ލައިސަންސް ލިބިގެންނެވެ.

2029 ވަނަ އަހަރުން ފެށިގެން ޓީޗަރުންގެ ލައިސަންސަށް އެދި ހުށަހަޅާއިރު 4 އަހަރުގެ ޑިގްރީއެއް އޮންނަންޖެހޭނެއެވެ. ނަމަވެސް މިހާރު ޑިގްރީ ހަދަމުންދާ ދަރިވަރުންނަށް ލައިސަންސް ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.