ޚަބަރު

ޔޫސުފް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ކުރިއަށް


  • ޔޫސުފް މަހަށް ނިކުތީ ކުޑަ ދޯންޏެއްގައި އެކަނި

  • ދޯނި ވަނީ ފެނިފައި، ޔޫސުފް އަދިވެސް ނުފެނޭ

އދ. ދަނގެތިން އެކަނި މަހަށް ނިކުމު އުޅެނިކޮށް ގެއްލުނު ޔޫސުފް އިބްރާހީމް އަދިވެސް ނުފެންނަކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ޔޫސުފް އިބްރާހީމް ހޯދުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 68 އަހަރުގެ ޔޫސުފް އިބްރާހީމް އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ވަނީ ފެނިފައިވާކަމަށެވެ.

ޔޫސުފް އިބްރާހީމް ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި، ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ. އެމްއެންޑީއެފުން ވިދާޅުވީ ޔޫސުފް ހޯދުމުގެ މަސައްކަތް ޑޯނިއަރ އެއަރކްރާފްޓްވެސް ވައިގެ މަގުން ކުރަމުންދާކަމަށެވެ.

އެމްއެންޑީއެފުން ވަނީ މިމީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.