ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ


  • އުތުރާއި މެދުރާއްޖެތެރެއަށް މިއަދާއި މިރޭވެސް ވިއްސާރަކުރާނެ

  • ދެކުނަށް ހޮނިހިރު ދުވަހު މޫސުންގޯސްވާނެ

  • މިއީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވެ، ވިއްސާރަކުރާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.

ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ އެކި ގަޑިތަކުގެ މަތިން އެލާޓްތައްވެސް ނެރެފައެވެ.


ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މިރޭވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މިއަދާއި މިރޭ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރިނަމަވެސް މާދަމާ ދެކުނަށް މޫސުންގޯސްވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަޙައްދުގައި ހުޅަނދު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެކެވެ. ފަހަކަށް އައިސް ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަސް ފާހަގަކުރެވިފައިވަނީ ވިއްސާރަ ދުވަސްވަރެއްގެ ގޮތުގައެވެ.

އެހެންކަމުން މިދުވަސްވަރު ވިއްސާރަވެ ފެންބޮޑުވެގެން ކުރިމަތިވެދާނެ ޙާދިސާއަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގައިވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ.