ޚަބަރު

އައު ސަރުކާރުގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ޖަޕާން ދެމިއޮންނާނެ: ސަފީރު


  • ޖަޕާނުގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް

އައު ސަރުކާރާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކަމުގެ ފައިދާ ދެޤައުމުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ ދެއްވައިފިއެވެ. އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޑރ.މުޢިއްޒުވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޖަޕާނުން އަބަދުވެސް މަސައްކަތްކުރައްވާތީ އެކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. ޖަޕާނަކީ ދިވެހިންގެ ގާތް އެކުވެރިއެއްގެގޮތުގައި ސިފަކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ، އެ އެހީތަކުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންނާއި، ސަރުކާރާ މެދު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޚާއްސަ އިޙުތިރާމަކާއި ޤަދަރެއް ދެވިފައިވާކަމަށެވެ.

އަދި، ފެށިގެންދާ އާ ދައުރުގައި މި ގާތްކަން އިތުރަށް ފުޅާވެ ބަދަހިވުމަށް އުއްމީދުކުރައްވާކަމަށާއި، އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް ޑރ.މުޢިއްޒުވަނީ އެދިވަޑައިގަންނަވާފައެވެ.

ޖަޕާންގެ ސަފީރުގެ ވާހަކަފުޅުގައިވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އިންތިޚާބީ ރައީސްއާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.