ޚަބަރު

ރައްކާތެރިގޮތުގައި ކުނި ނައްތާނުލެވުން، ހއ.އަތޮޅުގެ ރަށްތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ


  • މިމައްސަލަ ހައްލުކުރުމަށް ކުނިމެނޭޖް ކުރާ މަރުކަޒުތައް ޤާއިމް ކުރުމަށް ވަނީ ނިންމާފައި

  • ހއ ގެ މީހުން ދިރިއުޅޭ 14 ރަށުގައި ވެސް މި މައްސަލަ ބޮޑު

  • ދާއިމީ ހައްލެއް ނުލިބުމަކީ ކަންބޮޑުވާ ކަމެއް

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާނުވުމުގެ ކަންބޮޑުވުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ސަރުކާރާއި ކައުންސިލްތަކުން ހައްލު ކުރަން ބޮޑު ހޭދައެއް ކުރާ މި މައްސަލައަށް ރައްޔިތުން ބޭނުންވާ އެދެވޭ ހައްލެއް އަދި މިހާތަނަށް ގެނަސްދެވިފައެއްނުވެއެވެ. މިއީ ހއ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ.

ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަކީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް މިހާތަނަށް އެންމެ އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ މިރާއްޖެއަށްވެސް މިކަމަކީ މިހާތަނަށްއައިރު އެންމެ އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާ އެއް މައްސަލައެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއެއް ކުނީގެ މައްސަލަ ހައްލު ކުރުމަށް ޙަރަދު ކުރާއިރު، ރައްޔިތުން ބޭނުންވާ މިންވަރަށް އަދި ސަރުކާރުން ބޭނުންވާގޮތައް މިކަން ކުރެވެމުން ނުދާކަމީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މިއީ ހއ. އަތޮޅުގެ ރަށްތަކަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ދެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާނެ ގޮތެއް ނެތިގެން ރަށްރަށުގައި ކުނި އެޅުމަށް ޚާއްސަ ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. އެކަން ކައުންސިލްތަކަށް ނުކުރެވޭ އެންމެ ބޮޑު މައްސަލައަކީ އެކަމަށް ހޭދަކުރާނެ ފައިސާ ނެތުންކަމަށް ރަށްރަށުގެ ކައުންސިލު ތަކުން ދެކެއެވެ.

"ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ، ހައްލެއް ނުލިބިގެން މިހާރު ކުނިކޮށިތައް އޮތީ ފުރިފައި ފަނާވާޒާތުގެ ކުނި ކޮންމެ ދުވަހަކު އަޅަނީ މޫދަށް އިތުރުގޮތެއްނެތް، މިކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވޭ ދާއިމީ ހައްލެއް މިކަމަށް ބޭނުން" ރަށްރަށުގެ ކައުންސިލު ތަކުން ފާހަގަކުރިއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައި އޮތް ކުނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ސަރުކާރުން އެ އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ކުނިކޮށިތައް އަޅާފައެވެ. އަދި ސަރުކާރުން ގްރީން ފަންޑުގެ ދަށުން 30.8 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަމެއް ކައުންސިލްތަކަށް ދިނުމަށް ވަނީ ނިންމަވާފައެވެ. އެކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަަށް އެއަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުން ދެކެއެވެ.