ޚަބަރު

ވާދޫގައި ވޯޓު ފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް


  • ވޯޓުލަމުންދަނިކޮށް މީހަކުވަނީ ވޯޓުފޮށި ބިންމައްޗަށް ވައްޓާލާ ފޮށި ފަޅާލާފައި

  • އެމީހާ މިހާރުވަނީ ހައްޔަރުކޮށްފައި

  • އޭނާގެ ބަންދަށް 60 ދުވަސްވަނީ ޖަހައިދީފައި

ގދ.ވާދޫގައި ވޯޓު ފޮށި ފަޅާލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 60 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި ވާދޫގައި ވޯޓުލުމަށް ބަހައްޓާފައިހުރި ވޯޓު ފޮށި ބިންމައްޗަށް ވައްޓާލައި، ފަޅާލި މީހާ ހައްޔަރުކުރީ އިއްޔެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ގދ.ވާދޫގައި ހިނގި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައިވާކަމަށެވެ. އެގޮތުން މައްސަލަ ބެލުމުން އޭނާ ހިތްހަމަނުޖެހުނީ އައިޑީކާޑުގެ މައްސަލައެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޭނާ ވޯޓުފޮށި ވައްޓާ ފަޅާލާފައިވަނީ، ވޯޓުލުން ބަންދުކުރަން ގާތްވެފައިވަނިކޮށްކަމަށެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަންގެ ޚާއްޞަ ކޮމިޓީން މިމައްސަލަ ބަލާ، މައްސަލަ ޙައްލުކުރެއްވިކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިލެކްޝަނުންވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައިސްދާނެފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.