ޚަބަރު

މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބު: ފުއާދު


  • އިންތިޚާބާއި ގުޅޭގޮތުން މާބޮޑު ޝަކުވާތަކެއް ނެތް

  • އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ އެކި ގޮތްގޮތުން ޚާއްސަ އިންތިޚާބެއްކަމަށެވެ.

އެގޮތުން މީގެކުރިން އަބަދުވެސް ދެކެވެނީ ރާއްޖޭގައި އިންތިޚާބުގެ ކަންކަން ކުރުމަށް އޮންނަ ނިޒާމުގެ ފުރިހަމަކަމުގެ ވާހަކަނަމަވެސް މިއަދު ރާއްޖޭގެ ރައްޔިތުންގެ ފަރާތުންވެސް ފެނިގެންދިޔައީ ތަޙުޒީބު ވެއްޓަކުން ފެންނަ ފަދަ މަންޒަރުތަކެއްކަން ފުއާދު ފާހަގަކުރެއްވިއެވެ. އެގޮތުން އެތައް ބަޔަކު ކެތްތެރިކަމާއެކު ވޯޓުލާ މަރުކަޒުތަކުގައި ކިޔުގައި މަޑުކޮށްގެން ތިބި ތިބުން ފުއާދުވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު ބޭއްވިގެން މިދިޔައީ ވަރަށް ފުރިހަމަ އިންތިޚާބެއް. ދުނިޔޭގެ ކޮންމެ ބަޔަކަށްވެސް ނަމޫނާ އަކަށް ނެގޭނެފަދަ އިންތިޚާބެއް. ކުރިން އަބަދުވެސް ދައްކަނީ މިތަނުގައި އޮންނަ ސިސްޓަމްގެ ފުރިހަމަކަމުގެ ވާހަކަ. ނަމަވެސް މިއަދު ރައްޔިތުންމިވަނީ ދައްކައިދީފައި އިންތިޚާބު އެއްކޮށްވެސް ފުރިހަމަ އިންތިޚާބެއްކަން" ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މުޅި އިންތިޚާބާއި ގުޅޭގޮތުން ހުށައަޅާފައިވަނީ ޖުމްލަ 30 މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ. އަދި މީގެތެރެއިން ފާހަގަކުރެވޭނީ 2 މައްސަލަކަމަށާއި އެ ދެ މައްސަލައަކީ ވާދޫގައި ވޯޓު ފޮށި ފަޅާލި މައްސަލައާއި، ފޮނަދޫގައި ވޯޓު ކަރުދާހުގައި އިތުރު ނިޝާނެއް ހުރުމުގެ މައްސަލަކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއް ފާހަގަވެފައި ނުވާކަމަށެވެ. އިންތިޚާބާއި ގުޅިގެން މިހާތަނަށް ހުށައާޅާފައިވަނީ 30 މައްސަލަކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އެގޮތުން މާލެއިންވެސް 15 މައްސަލަ އަދި އަތޮޅުތަކުގައި ހުރި ކޮމްޕްލަޔަންސް ބިއުރޯއަށް ހުށައަޅާފައިވާ 15 މައްސަލައެވެ.

މީގެތެރޭގައި ހިމެނެނީ، ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ރީރަޖިސްޓްރޭޝަނާއި، ކެމްޕެއިންކުރުމާއި އެންޓިކެމްޕޭންކުރުމާއި ގުޅޭ މައްސަލަތަކާއި، ވޯޓުލުމުގެ ހައްގާއި ގުޅޭ މައްސަލަތަކަކާއި، އިންތިޚާބީ މުވައްޒަފުންނާއި ގުޅޭ މައްސަލަތަކާއި ވޯޓުގެ ސިއްރުވެރިކަމާއި ގުޅޭ މައްސަލަތަކެއްކަމަށް އީސީގެ ނައިބު ރައީސް ޙަބީބް ވިދާޅުވިއެވެ.

ހެނދުނު 0800 އިން ފެށިގެން ހަވީރު 1700 އާއި ހަމައަށް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ އަމާން އޮމާންކަމާއެކުގައެވެ. އަދި އިންތިޚާބާއި ގުޅޭ ބައެއް މައްސަލަތަކެއް ފާހަގަވިނަމަވެސް ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަނުވާކަން އިލެކްޝަނުން ފާހަގަކުރައްވައެވެ.