އެމެރިކާގެ އަސްކަރީ ހަތިޔާރު ސްޓޮކަށް ހަލުވިމިނުގައި މަދުވަމުންދާތީ، ޕޭޓްރިޔަޓް އަދި ތާޑް ދިފާޢީ އިންޓަސެޕްޓަރ ނިޒާމުތަކަށް ބޭނުންވާ ބައިތައް އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާއިން ދިފާޢީ ދާއިރާގެ ބޮޑު ދެ ކުންފުންޔަކާ އެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު އިއުލާނުކުރި މި އެއްބަސްވުމުގެ ދަށުން ޕޭޓްރިޔަޓް (ޕީއޭސީ-3) އަދި ތާޑް، މިސައިލް އިންޓަސެޕްޓަރ ނިޒާމުތަކަށް ބޭނުންވާ ބައިތައް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރެވިގެންދާނެއެވެ. މިއީ އެމެރިކާގެ ދިފާޢީ ދާއިރާގެ ދެ ކުންފުނި ކަމަށްވާ ލޮކްހީޑް މާޓިން އަދި ނޯތްރޯޕް ގްރޫމަންއާއެކު ޕެންޓަގަންއިން ވެފައިވާ އެއްބަސްވުމެކެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އެކުއިޒިޝަން އެންޑް ސަސްޓެއިންމަންޓާ ބެހޭ އަންޑަރސެކްރެޓަރީ، މައިކަލް ޕީ ޑުފޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަތިޔާރުގެ އިތުރުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިނާޢީ ދާއިރާގެ ކޮންމެ ފަންތިއެއްގައިވެސް ވަރުގަދަ އަދި އިތުބާރުހިފޭ ސަޕްލައި ނިޒާމުތަކެއް ބޭނުންވާ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ޕޭޓްރިޔަޓް މިސައިލް އުފައްދާ މިންވަރު ތިންގުނައަށް އަދި ތާޑް ނިޒާމު އުފައްދާ މިންވަރު ހަތަރުގުނައަށް އިތުރުވެގެންދާނެއެވެ.
ޕެންޓަގަންއިން މި އެއްބަސްވުމުގެ މުޅި އަގު ހާމަކޮށްފައި ނުވިނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުދަ ދުވަހު ލޮކްހީޑް މާޓިންއާއެކު ޕޭޓްރިއަޓް އިންޓަސެޕްޓަރ މިސައިލް އުފެއްދުމަށް 58 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މިދިޔަ އެޕްރީލް މަހު އިންޓަސެޕްޓަރުތައް އުފެއްދުމަށް ޕެންޓަގަންއިން ވެފައިވާ 4.7 ބިލިއަން ޑޮލަރުގެ އެއްބަސްވުން 7 އަހަރަށް އިތުރުކުރެވުނެވެ.
ނޯތުރޯޕް ގްރޫމަން ކުންފުނިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި އެ ކުންފުނީގެ ހިއްސާ 3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދެއެވެ.
އެ ކުންފުނިން ބުނީ، 2021 ވަނަ އަހަރު ކުރެވުނު އިންވެސްޓްމަންޓްތަކުގެ ސަބަބުން، އެމެރިކާގެ ވެސްޓް ވާޖިނިއާގައިވާ އެ ކުންފުނީގެ ކާރުހާނާއެއް ކަމަށްވާ "އަލެގާނީ ބެލިސްޓިކްސް ލެބޯޓްރީ"ގައި އުފެއްދުންތެރިކަން ގާތްގަނޑަކަށް ތިންގުނައަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މޭރީލޭންޑްގައިވާ އެ ކުންފުނީގެ ކާރުހާނާގައި އުފެއްދުންތެރިކަން 25 އިންސައްތައަށް އިތުރުވެފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި އައު އެއްބަސްވުން އެކުލަވާލާފައިވަނީ، އީރާނާއެކު ހިނގަމުންދާ ކުރިމަތިލުންތައް ހިމެނޭހެން އެކި ހަނގުރާމައާއި ހަމަނުޖެހުން ތަކުގައި، އެމެރިކާ ބައިވެރިވުމާއި، ޔޫކްރެއިނަށް ދެމުންދާ އަސްކަރީ އެހީތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ސްޓޮކަށް ބާރުބޮޑުވެ، އުފެއްދުންތެރިކަމުގެ އެއްބަސްވުންތައް އަވަސްކުރުމަށް ޕެންޓަގަންގެ މަޝްވަރާކުރާ އިސްވެރިން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ މުހިންމު ބައިވެރިއެއްކަމަށްވާ ޔޫކްރެއިނަށް، ބެލިސްޓިކް މިސައިލްތައް ހުއްޓުވުމުގެ ޤާބިލުކަން ލިބިފައިވާ އެ ގައުމުގެ ހަމައެކަނި ހަތިޔާރުކަމަށްވާ ޕޭޓްރިޔަޓް އިންޓަސެޕްޓަރ މިސައިލްތައް ލިބުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
މި އެއްބަސްވުމާއެކު ވޯލް ސްޓްރީޓްގައި އެ ދެ ކުންފުނީގެ ހިއްސާގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެގޮތުން ހަފުތާގެ ވިޔަފާރި ފެށުމާއެކު ނޯތުރޯޕް ގްރޫމަންގެ ހިއްސާގެ އަގު 1 އިންސައްތައަށްވުރެ މައްޗަށް ދިޔައިރު، ލޮކްހީޑް މާޓިންގެ ހިއްސާގެ އަގު ވަނީ 0.7 އިންސައްތަ މައްޗަށް ގޮސްފައެވެ.