އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ އަވަށްތަކަށް ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ވަދެގަނެ، އުޅަނދުފަހަރުގައި ހުޅުޖަހައި ކަރަންޓު ނެޓްވޯކަށް ގެއްލުންދީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ޖެއްސުން ހައްދުފަހަނައަޅާ މިނަވަރަށް އިތުރުކޮށްފިއެވެ. މީގެ އިތުރުން ޔަހޫދީ ވަޒަންވެރިންނަށް ވާގިވެރިވާ ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ އިސް އޮފިޝަލެއްގެ ގެއަށް ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ސަރަޙައްދީ މަސްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު، ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ވަނީ ނާބުލުސްގެ ދެކުނުގައިވާ ޖާލޫދާއި ތަލްފީތު އަވަށާ ދެމެދުގައިވާ ސަރަޙައްދުގައި ހުރި ގޭގެއަށް ޙަމަލާދީ، ތިން އުޅަނދެއްގައި އަލިފާންރޯކޮށްލާފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ނިރުބަވެރި ޔަހޫދީ ވަޒަންވެރިން އާންމުން ދިރިއުޅޭ އިމާރާތެއްގައިވެސް އަލިފާންރޯކޮށްލަން މަސައްކަތްކުރިއެވެ. ނަމަވެސް، އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން އެ އަވަށުގެ ރައްޔިތުންނަށް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީއެއްކަމަށްވާ ތުލްކަރުމްގައި ހުންނަ، ފަލަސްޠީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަންގެ ރައީސް، މުއައްޔަދު ޝައުބާންގެ ގެއަށް ޔަހޫދީ ސިފައިން ވަދެގަނެ، ގޭގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޕީއެލްއޯއާ ގުޅުންހުރި މި ކޮމިޝަނުން ބުނި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާއަކީ، ޝައުބާންއާއި އޭނާގެ އާއިލާއަށް އަމާޒުކޮށްގެން ހިންގަމުންދާ ކެމްޕޭނުގެ ބައެއްކަމަށެވެ. އަދި އޭނާގެ ދެ ފިރިހެން ދަރިން އަދިވެސް ތިބީ ޔަހޫދީންގެ ބަންދުގައިކަމަށް އެ ކޮމިޝަނުން އިތުރަށް ބުންޏެވެ.
މި ކޮމިޝަނަކީ އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސް ހިމެނޭހެން، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ނިރުބަވެރި ޔަހޫދީން ހިންގާ ވަޒަންވެރިވުމުގެ ޙަރަކާތްތައް ރެކޯޑުކޮށް ބަލަހައްޓާ އިދާރާއެކެވެ.
އިތުރު ޢުދުވާނީ ހަމަލާތަކެއްގައި، ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ވަނީ ނާބުލުސްގެ ދެކުނުގައިވާ މަދާމާ އަވަށުގެ ކަރަންޓު ނެޓްވޯކުގެ ބަޔަކަށް ގެއްލުންދީފައެވެ.
މަދާމާ އަވަށުގެ ކައުންސިލްގެ ރައީސް، ރާމީ ނައްޞާރު ވިދާޅުވީ، ބައިތާ، ތެލް އަދި މަދާމާ ދެމެދު އަލަށް ހަދާފައިވާ ޣައިރުޤާނޫނީ އާބާދީއަކުންއައި ޔަހޫދީ ވަޒަންވެރިން ވަނީ އެ އަވަށަށް ކަރަންޓު ފޯރުކޮށްދޭ ތަނބުތަކަށް ގެއްލުންދީފައެވެ. ހަފުތާއެއްގެ ތެރޭގައި ދިން މިފަދަ ދެވަނަ ހަމަލާއާއެކު ނެޓްވޯކުގެ ބައެއް ބައިތަކަށް ބޮޑެތި ގެއްލުން ލިބުމުގެ ސަބަބުން، މަދާމާގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް ނައްޞާރު ވިދާޅުވިއެވެ.
ފަލަސްޠީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ނާބުލުސްގެ ދެކުނުގައިވާ އަވަށްތައް ކަމަށްވާ ޖާލޫދު، ޤަރްޔޫތު، ތަލްފީތު، ޤުޞްރާ އަދި މަދާމާ ފަދަ ސަރަޙައްދުތަކުގައި ފަހަކަށް އައިސް ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ދޭ ޙަމަލާތައް ވަނީ ވަރަށް އިންތިހާއަށް އިތުރުވެފައެވެ. އޭގެ ތެރޭގައި އަލިފާންރޯކުރުމާއި، އާންމު ރައްޔިތުންނަށް ހަމަލާދިނުމާއި، ގޭގެއަށް ހަމަލާދިނުމުގެ އިތުރުން ވަސީލަތްތަކާއި ދަނޑުބިންތައް ސުންނާފަތިކުރުން ހިމެނެއެވެ.
ފަލަސްޠީނުގެ ރައްޔިތުން މަޢުލޫމާތުދޭ ގޮތުގައި، ތަކުރާރުކޮށް ޔަހޫދީންގެ އަސްކަރިއްޔާއިން މި ވަދެގަންނަ ވަދެގަތުންތަކާއި، ޣައިރުޤާނޫނީ ވަޒަންވެރިން ދޭ ހަމަލާތަކާއި، ގެދޮރު ސުންނާފަތިކުރުމާއި، ބިންތައް ފޭރުމާއި އަދި ވަޒަންވެރިކަން ފުޅާކުރުމުގެ މައިގަނޑު ބޭނުމަކީ، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރި ރަސްމީކޮށް ޔަހޫދީންގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްށެވެ. އަދި މިއީ އދ. ގެ ޤަރާރުތަކާ އެއްގޮތަށް ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތު ނައްތާލުމަށް ހިންގާ ޖަރީމާއެއް ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނެމުންނެވެ.