ޚަބަރު

ޖޮއިންޓުކޮށް ގޯތި ލިބުނު މީހުންނަށް މިހާރު ވަކިންވެސް ގޯއްޗަށް އެދެވޭނެ: ރައީސް


  • ދެނީ ޞައްޙަ ރަޖިސްޓްރީ

  • 2އަހަރުން އަސާސީ ޚިދުމަތްތައް ޤާއިމްކުރާނެކަމަށް

  • 10 ބުރިއަށް ޢިމާރާތް ކުރެވޭނެ

ސަރުކާރުން އެންމެ ފަހުން ދޫކުރި ގޯތިތަކަށް، ޖޮއިންޓްކޮށް ނުވަތަ ގިނަ ބަޔަކު ހިމެނޭހެން ގޯތި ލިބުނު މީހުންނަށް، މިހާރު ވަކިން ގޯއްޗަށް އެދުމުގެ ފުރުޞަތު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެތެރޭގައި، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނާއި ބައްދަލުކުރައްވާ އެފަރާތްތަކުގެ ޝަކުވާ އަޑުއައްސަވާފައިވާކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ސަރުކާރުން ހަވާލުކުރާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ދޫކުރާ އެ ގޯތިތަަކަކީ ބަންޑާރަ ގޯތި ދޫކުރާ އުސޫލުން، ޤާނޫނީ ހަމަތަކާއި އެއްގޮތަށް ދޫކުރާ ބިންކަމަށެވެ. އެހެންކަމުން އެކަމުގައި ކަންބޮޑުވާންވީ ނުވަތަ ޝައްކު އުފައްދަންވީ ކަމެއް ނެތް ކަމަށާއި، ސަރުކާރުން ކަނޑައަލާފައިވާގޮތަށް ނޮވެމްބަރު 5ގެ ކުރިން ގޯތި ލިބުނު އެންމެނަށް ބިން ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯތި ދޫކުރި ސަރަހައްދުތަކުގައި ގެދޮރުއަޅާ ދިރިއުޅެން ފެށުމުގެކުރިން، އެތަންތަނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަކަމަށެވެ. އެގޮތުން އެކަމަށް އެންމެ ގިނަވެގެންވެސް ހޭދަވާނެކަމަށް ބެލެވެނީ 2 އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ އަހަރުގެ ތެރޭގައި، ގިރާވަރު ފަޅު އަދި ގުޅީފަޅުގައި، ފެނާއި ނަރުދަމާއާއި ކަރަނޓު އަދި މަގުތައް ހެދުމުގެ މަސައްކަތްތައް ނިންމުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަލަށް ދޫކުރި ބިންތަކުގައި އިމާރާތް އެޅުމަށް ކަނޑައަޅާފައިވާ އުސޫލުގައި، ގޯތީގެފޫޓު ތެރެއިން ބޮޑު ހުސްޖާގައެއް ބާވަންޖެހޭގޮތަށް އުސޫލުގައި އޮތް އޮތުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ސަރުކާރުން ނިންމާފައިވަނީ އެ ބިންތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދެން ވަރަށް ގިނަ ބަޔަކު އޮޅުން ފިލުވަން ބޭނުންވާ ކަމެއް މިއީ، އަަލަށް ހުލުވާލާ ގެތަކަށް ކުރިން ޖޮއިންޓްކޮށް ގޯތި ލިބުނު މީހަކަށް ކުރިމަތިލެވޭނެތޯ. އެގޮތަށް ކުރިމަތިލާ ގޯތި ހޯދުމުގެ ފުރުޞަތު އެ ފަރާތްތަކަށް އެބައޮތް." ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުން ގޯތި ދޫނުކުރާތާ ތިރީހަށްވުރެ ގިނަ އަހަރު ފަހުން ގޯތި ދޫކުރުމަށް ނިންމަވާ، 9001 ގޯތި ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ.

އަދި ރައީސް މިހާރު ވަނީ އިތުރު 4000 ގޯއްޗާއި، 6000 ފްލެޓް ދޫކުރުމަށް ނިންމަވާ، އެކަމަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައެވެ. މި ފުރުޞަތު އަންނަ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެެވެ.